އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ރައީސް މުހައްމަދު މުއިއްޒާ ދެކޮޅަށް ހުށަހެޅިފައި މިހާތަނަށް 20 މައްސަލައެއް ވައިރު މައްސަލަތައް ފައިލްކުރި ކަމަށް ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރާ އަދި ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ހިންގެވި ކޮރަޕްޝަންތައް ކަމަށް ބުނެ 20 މައްސަލައެއް އޭސީސީއަށް އެކި ފަރާތްތަކުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 2022ގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވިއިރުގެ ހަ މައްސަލައަކާ އަދި ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރުގެ ގިނަ މައްސަލަތަކެކެވެ. އޭގެ ތެރޭގައި ހިޔާ ފުލެޓު ލިސްޓާ ބެހޭ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

ހަމައެހެންމެ ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލައެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ބޭރު ކުންފުނިތަކަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ވެސް މި ނޫހުން 2023 ވަނަ އަހަރު ވާނީ ފެންމަތިކޮށްފަ އެވެ.

މި މައްސަލަތައް ނުބަލާ މިހާރު މި ސަރުކާރު އައި ފަހުން ފައިލްކޮށްފައިވާ ކަމަށް ދެކެވެމުން ދާ ވާހަކަތައް އޭސީސީއިން ވަނި ދޮގުކޮށްފަ އެވެ. އެގޮތުން އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މައްސަލަތައް ފައިލް ނުކުރެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެވެން ނެތްކަމަށް ވެސް ހާމަކޮށްފައިވެ އެވެ.

ރައީސް މުއިއްޒު މިނިސްޓަރު ކަމުގައި ހުންނަވައި މޭޔަރުކަމުގައި ހުންނަވާ ވެސް ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ވާއިރު، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު ނިމިގެން ދިޔައިރު ސަރުކާރުގެ ތެރެއިންނާ ސަރުކާރު ހިއްސަވާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެމަނިކުފާނަށް ބައި އެޅޭ ގޮތަށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ކަމުގެ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.