ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ ފިރިމީހާ، ޑރ އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލާގައި ވަކި ގޮތެއް ނުނިންމާ ފުލުސް އޮފީހުގައި މައްސަލަ ޕާކުކޮށްފައި އޮންނަތާ ދެ މަސް ދުވަސްވެއްޖެ އެވެ.

އައިޖީއެމްއެޗުގައި ހޭނައްތާ ޑޮކްޓަރެއްގެ ވަޒީފާ އަދާކުރަމުން ގެންދާ ޑރ އިސްމާއިލް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސާޖު ޕާލާއެއްގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ މައްސަލައިގައި ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ ހެކި ނެތިގެން އެ ކަމަށް ފުލުހުން ކޯޓުގައި އިއުތިރާފުވެފައިވާތީ އެވެ.

ނަމަވެސް އޭގެ ފަހުން ދެ މަސް ދުވަސް ފާއިތުވެގެން ދައިރު އަދިވެސް ފުލުހުން މައްސަލަ ފައިލްކޮށްފައި ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ފައިލްނުކޮށް ބާއްވާފައިވަނީ ޕީޖީގެ އެންގުމަށެވެ. އަދި މިހާރު އެ މައްސަލާގައި ހެކި ހުރި ވަރުން ދައުވާކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ ނިންމުމަށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަޝްވަރާތައް ވަނީ ފަށައިފަ އެވެ.

އަޒްމިރަލްދާގެ ފިރިމީހާގެ މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ސަރުކާރުން ބޭނުންނުވާ މައްސަލައެއް ސުޕްރީމު ކޯޓުގައި ފަށައިގެން ކުރިއަށް ގެންދާ ދަނޑިވަޅެއް ގައެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން އެ މަޖިޅީހަސް ހޮވުނު ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަވެސް ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށް ތަސްދީގުކުރައްވާފައިވާ ބިލުގެ މައްސަލަ ދަނީ ސުޕްރީމު ކޯޓުގައި ހިނގަމުންނެވެ.

މި ދަނޑިވަޅުގައި މި ވާހަކަ ފެންމަތިކޮށްގެން މިއުޅެނީ ފަނޑިޔާރު އަޒްމިރަލްދާ ކޮމްޕްރޮމައިޒް ކުރަން ކަމަށް އަޑު ގަދަވެފައި ވެއެވެ.

މި މައްސަލައަށް ޑރ އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ބުނެ އަޑު ގަދަވެފައިވައިރު ޑރ އިސްމާއިލު ވަނީ އެކަން ދޮގު ކޮށްފައެވެ. އެގޮތުން ޑރ އިސްމާއިލް މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ވިފާޅުވެފައިވަނީ އަޒްމިރަލްދާއަށް އޭނާ ހައްޔަރުކުރިކަން އެނގިފައިވާނީ ވެސް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނެވެ.