ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން "ގޭމްކުއެސްޓް- އައްޑޫ އެޑިޝަން"ގެ ނަމުގައި ގޭމިން މުބާރާތެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

މި މުބާރާތަކީ، ޑީޖީޖީ އިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ގޭމިން މުބާރާތެވެ.

ދިރާގާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އިންތިޒާމްކުރަމުންދާ ގޭމްކުއެސްޓް-އައްޑޫ އެޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 16 އިން 17 އަށް އައްޑޫގެ ޝަރަފުއްދީން ސްކޫލުގަ އެވެ. މިއީ އައްޑޫގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މި ގޮތުން، އައްޑޫއަށް ނިސްބަތްވާ އަލަށް ގޭމް ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސް އަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.

"ގޭމްކުއެސްޓް- އައްޑޫ އެޑިޝަން" ގައި ހިމެނޭ ގޭމްތަކުގެ ތެރޭގައި، އީ.އޭ.އެފް.ސީ 25 އަދި ވީ.އާރ ސިމިއުލޭޝަން ގޭމްތައް ވަނީ ހިމެނައިފައެވެ. އަދި، އީ.އޭ.އެފް.ސީ 25 މުބާރާތުގައި ބައިވެރިވެ، ވަނަ ވަނަ ހޯދާ ގޭމާސްއަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅައިފަ އެވެ.

މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ގޭމަރުންނަށް، dgg.mv މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. އަދި، ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ- ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، މި އަހަރު ޑީޖީޖީއިން ވަނީ ޑީޖީޖީގެ ސީސަން 1 ލޯންޗްކޮށް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" އިއުލާނުކޮށް، ވާދަވެރި ގޭމިންގެ މުޅިން އާ މުބާރާތްތަކެއް ތައާރަފްކޮށްފަ އެވެ.

ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބޭނެ އެވެ.