އެއީ ޖޫން، ޖުލައި ވިއްސާރަ ތެރޭގައި ވައިގަދަ، ކަނޑުގަދަ ދުވަހެކެވެ. ފައްތިޔަލުގައި އަޅާފައިވާ ހުރިހާ އުޅަނދެއް ވަންނާނެ ރައްކާތެރި ބަނދަރެއް ނެތުމުން މާކަނޑުގައި ކޮޅުކޮޅަށް ދުއްވަނީ އެވެ. މަހަށް ދިޔަ މަސްވެރިން ވެސް ބޭނި މަސްކޮޅު ހިފައިގެން ސަލާމަތުން ރަށަށް ލެފޭނެ ގޮތެއް ނެތިގެން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ.
އެ ގަދަ ވިއްސާރަ ކުރިމަތިވިއިރު، ފުވައްމުލަކާއި މާލެއާ ދެމެދު މުދާ އުފުލާ "އިރަމާ" ބޯޓު އޮތީ ބަޑަހަ ފަންނު ފައްތިޔަލުގައި އަޅާފަ އެވެ. ކުއްލިއަކަށް ފައްތިޔާ ކަނޑައިގެން ދިޔައިރު ބޯޓުގައި އެވަގުތު ތިބި ފަޅުވެރިން ހަދާނެ ގޮތް ހުސްވި އެވެ. އިންޖީނު ސްޓާޓްކޮށްލައިގެން ދުއްވާލާނެ ވަގުތެއް ނުލިބި ބޯޓު ފަރަށް އެރީ އެވެ.
އެ ނުރައްކާތެރި ވަގުތުގެ ތާރީހީ މަންޒަރު
އެއީ މީގެ 23 އަހަރު ކުރިން، ޖުލައި 13، 1998 އެވެ. މި ޒަމާނުގައި ކޮންމެ މީހެއްގެ ޖީބުގައި އެންމެ މަތީ ކޮލިޓީގެ ވީޑިއޯ އާއި ފޮޓޯ ނެގޭ ފޯނެއް އޮތް ނަމަވެސް އެ ޒަމާނުގައި ވީޑިއޯ ކެމެރާއެއް ވެސް އޮންނަނީ މަދު ރަށެއްގަ އެވެ. ނަމަވެސް ފުވައްމުލަކުގައި އޭރު އެ ބޯޓު ފަރަށް އަރައި ފުނޑުފުނޑުވި މަންޒަރު އެ ރަށު ރަންދުވަރު، އަހުމަދު ސައީދު ވަނީ އާދައިގެ ކުޑަ ކެމެރާ އަކުން ވީޑިއޯކޮށްފަ އެވެ.
ފުވައްމުލަކުގެ ތާރީހީ އެތައް ފޮޓޯއަކާއި ވީޑީއޯއެއް ނަގައި ރައްކާކޮށްފައިވާ އަހުމަދުގެ މި ވީޑިއޯ ވަނީ ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ. ގާތްގަނޑަކަށް 30 ވަރަކަށް މިނެޓްގެ މި ވީޑިއޯއިން އިރަމާ ބޯޓު ފަރަށް އަރައި ފުނޑުފުނޑުވި މަންޒަރު ވަރަށް ރީތިކޮށް ގެނެސްދީފައިވެ އެވެ. އޭގެ އިތުރުން އެ ބޯޓު އެއްގަމަށް އެހެލުމަށް މަސައްކަތްކުރި ގޮތާއި އެ ދުވަހު ކަނޑުމަތީގައި އެހެން އުޅަނދުފަހަރު އުޅުނު ގޮތް ވެސް ފެނެ އެވެ.
އެ ވީޑީއޯގެ ވަކި ހިސާބަކުން ބޯޓު ފަރުމަތީގައި އޮވެ، ރާޅާ ތަޅައި ބަނޑުފިލާ އެކި ހިސާބުތަކުން ފެޅި ދިޔަވަމުން ދިޔަ މަންޒަރު ވެސް ވަރަށް ސާފުކޮށް ފެނެ އެވެ. އަދި އެ ބޯޓުގެ ވެރިޔާ އަހުމަދު ސަމީރު ގޮތް ހުސްވެގެން އަތިރިމަތީގައި ކޮޅުކޮޅަށް ހިނގާ މަންޒަރު ވެސް ފެނެ އެވެ.
ސަމީރުގެ މޫނުމަތިން އެ ދުވަހު ފެނުނީ މާޔޫސް ކަމާއި ހިތާމަވެރިކަމެވެ. އަދި ބޯޓު އޭނާގެ ކުރިމަތީގައި ފުނޑުފުނޑުވުމުން އިތުރު ގޮތެއް ނެތުމުން، އެ ވަގުތު އެތަނުގައި ހުންނެވި އޭރު ފުވައްމުލަކުގެ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ ހުސެއިން ޝަރީފް މުހައްމަދު އަރިހުގައި ބޯޓު ކަފާލައިގެން ވަކިކޮށްގެން އެއްގަމަށް އެހެލަން ލަފާ ދިން މަންޒަރު ވެސް ފެނެ އެވެ.
އޭގެ އިރުކޮޅެއް ފަހުން ފެނުނީ މީހަކު އިލެކްޓްރިކް ކީހަކުން ބޯޓު ކީހަން ފެށި މަންޒަރެވެ. ކީހަން ޖެހުނީ ވެސް އެކްސްވަރޭޓަރުގެ ބަކެޓްގައި މައްޗަށް އަރައިގެންނެވެ. އެއްގަމަށް އެހެލީ ބޯޓުގެ ބައެއް ބައިތައް ކީހުމަށްފަހު އެވެ. އެއްގަމަށް އެހެލިއިރު މުޅި ބޯޓު އޮތީ އަލުން ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑުވެފަ އެވެ.
އެ ދުވަސްވަރު އެ ރަށު އޮޑިވެރިން އުޅުނު ހާލަތު
"13 ޖުލައި 1998 ވީ އާދީއްތަ ދުވަހު ހެދުނު 8:30 ހާއިރު މަސައްކަތުގައި ފުވައްމުލަކު އަތޮޅު އޮފީހުގައި ހުއްޓާ ވައި ގަދަވެ ބޯކޮށް ވާރޭވެހެން ފެއްޓިއެވެ. އިރުކޮޅަކުން ޚަބަރު ލިބުނީ ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުން ފުވައްމުލަކު އިރުމަތީ ފަރާތު ބަޑަހަ ފަންނާ ދިމާލަށް ފައްތިޔަލުގައި އަޅާފައި އޮތް މިސްކިތްމަގު އަވަށު ޖީޒާ، އަޙްމަދު ސަމީރުގެ އިރަމާ ބޯޓްގެ ވާ ކަނޑައިގެން ފަރުމައްޗަށް ބޯޓް އެއްލާލި ޚަބަރެވެ. އަޅުގަނޑާ އޭރުގެ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ ޙުސެއިން ޝަރީފް އެކުއެކީގައިހެން އަަވަސް އަަވަހަށް ބަޑަހަ ފަންނަށް މިސްރާބު ޖެހީމެވެ." އެ ވީޑީއޯއާއެކު އަހުމަދު އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.
އެ ދުވަހު އޭނާ އެ ވީޑިއޯ ނަގާފައި ވަނީ އަހުމަދު އަތުގައި އޭރު އޮތް ކުޑަ ވީޑިއޯ ކެމެރާއަކުންނެވެ. އެ މަންޒަރު ވީޑިއޯކުރަން ކެމެރާއެއް ދިނީ އެ ރަށު ގޮމަތަނަގޭ އިބްރާހިމް ސައީދު އެވެ.
"ފުވައްމުލަކުގައި ރައްކާތެރި ބަނދަރެއް ނެތް ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި ބިރުވެރިކަން އަދި އުފުލި އުނދަގޫތައް މި ކުޑަ ވީޑިއޯއިން ވެސް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ އެވެ. ރަށުގެ ތާރީޚުގައި ގިނަ އަދަދެއްގެ ކަނޑުގައި ދުއްވާ އުޅަނދުތައް ފަރުމައްޗަށް އެއްލާލާއި ގެއްލުންތައް ލިބި ނުވަތަ އެއްކޮށް ހަލާކުވެފައި ވެ އެވެ. ރަސްމީ ބަނދަރު ހެދުމާ ދެމެދު ހަލާކުވެ ދިޔަ އުޅަނދުތަކުގެ ސިލްސިލާގެ އެންމެ ފަހު އުޅަނދަކީ އިރަމާ ބޯޓެވެ." ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރުކަން ކުރައްވާ އަހުމަދު ލިޔުއްވާފައިވެ އެވެ.
އެތައް އަހަރެއް ފަހުން އެ ވީޑިއޯ އާއްމުކުރެއްވުމަށްފަހު "ހުރިހާ"އާ ވާހަކަދައްކަވަމުން އޭނާ މިއަދު ވިދާޅުވީ އެކަހަލަ އެތައް ވީޑީއޯއެއް އެ ދުވަސްވަރު ނެގި ކަމަށެވެ. ނަމަވެސް ރަށް ދޫކޮށް މާލެ ބަދަލުވުމުން ރައްކާކޮށްފައި އެފަދަ އެތައް ވީޑިއޯއެއް ގެއްލިފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
"އެކަހަލަ ވީޑިއޯތައް ނަގާފައި ހުންނާނެ. އޭގެ ޓޭޕްތައް ވެސް ކުޑަވާނެ. ވީއެޗްއެފް ޓޭޕްތަކަށް އަޅައިގެން ގެންގުޅެނިކޮށް ވަރަށް ފަހުން ސީޑީއަކަށް ރައިޓްކޮށްގެން އެ ވީޑިއޯ ލިބުނީ،" މިވަގުތު ހޯމް ކަރަންޓީނުގައި ހުންނެވި އަހުމަދު ވިދާޅުވި އެވެ. "ވަރަށް އުފާވި އެހާ ގިނަ ދުވަސްވީ ވީޑިއޯއެއް އަލުން ބެލޭނެ ގޮތްވުމުން. ފުވައްމުލަކުގެ ކުރީގެ އިތުރު ވީޑިއޯތައް އަދިވެސް އެބަހުރި. އެ ވީޑިއޯތައް ވެސް އާއްމުކުރާނަން."
އަހުމަދު ވިދާޅުވީ ބިޔަ ރާޅު ނަގަމުން ދިޔަ ވަގުތެއްގައި އެ ދުވަހު އެ ބޯޓު އެއްގަމަށް އެހެލުނީ ރަށުގައި މަގު ހަދަން ބޭނުންކުރަން އެކްސްކަވޭޓަރެއް އޮތުމުން ކަމަށެވެ.
"އޭރު ރަށުގެ ގިނަ ބަޔަކު ތިބި އެ ސަރަހައްދަށް އެއްވެފައި. ނަމަވެސް އެ ބިޔަ ރާޅު ބިންދަމުން ދާތީ ބަޔަކަށް ބޯޓާކައިރި ވުމަކީ ވެސް އެހާ ފަސޭހަ ކަމަކަށް ނުވި،" އެ ދުވަހުގެ ހަނދާންތައް އާކުރައްވަމުން އޭނާ ވިދާޅުވި އެވެ. "ބަޔަކު މީހުން ބޯޓު ކައިރިއަށް ގޮސް ވާ އައްސައިގެން އެކްސްކަވޭޓަރުގެ އެހީގައި ފަރުމަތިން ދަމާފައި އެއްގަމަށް އެ ބޯޓު އެހެލީ."
އެ ވީޑީއޯގައި އެކްސްކަވޭޓަރު ބަޑަހަ ފަންނަށް ދުއްވާ ދިޔަ ގޮތާއި ބޯޓުގައި ވާ ޖަހައިގެން ދެމި މަންޒަރު ވެސް ރީތިކޮށް ފެނެ އެވެ. އަދި އެ ވަގުތު އެތަނަށް ޖަމާވި އެ ރަށުގެ ރައްޔިތުންނާއި އެ މަސައްކަތުގައި އުޅުނު މީހުންގެ މަންޒަރު ވެސް އެ ވީޑީއޯ އިން ފެނެ އެވެ.
"މި ވީޑިއޯ އާއްމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އޭރު މިރަށު މީހުން އުފުލު ބުރަ އާއި ދިމާވި ނުރައްކާތެރި ހާދިސާތައް ހަނދާން އާކޮށްދިނުން. ބަނދަރެއް އޮތުމުން މިހާރު ގިނަ ބަޔަކު އެ ދުވަސްވަރުގެ ހަނދާންތައް ވެސް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.
އެ ބޯޓު ފަރަށް އެރި ބަޑަހަ ފަންނަކީ ކުރީ ފުވައްމުލަކުގެ އެންމެ ގިނަ ބަޔަކު އަރައި ފައިބަން ބޭނުންކުރި ފަންނެކެވެ. ނަމަވެސް މިހާރު އެތަނުގައި ވަނީ ވޮލީ ކޯޓަކާއި ކުޑަކުދިން ކުޅޭނެ ޕާކެއް ހަދައިފަ އެވެ. އެތަން ފެނުމުން މިފަދަ ހާދިސާއެއް ހިނގިކަމުގެ އެއްވެސް ނިޝާނެއް މިހާރު ފެންނަން ނުހުންނާނެ އެވެ. އެއީ މާޒީ އެވެ.
މިވީޑިއޯ ބަލާފައި ފާރި ސްޕީޗްލަސް. މިގައުމުގެ ރަށްތަކުގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ ކިހާ ޗެލެންޖިންގ ކަމެއްކަން މިއަދުގެ ޒުވާން ޖީލަށް، މިފަދަ އާޓިކަލްތަކުން އެނގިގެންދާނެ. ވަރަށް ފުރިހަމަ އާޓިކަލްއެއް!
މިބުނީ ވީޑިއޯ ކޮބާހޭ؟
ކޮބާ ބޯޓު