އިންޑިއާގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ސަންޖޭ ލީލާ ބަންސާލީ އާއި ދީޕިކާ ޕާޑުކޯން ވަނީ އެކުގައި ތިން ފިލްމެއްގެ މަސައްކަތް ކޮށްފަ އެވެ.

އެގޮތުން "ރާމް ލީލާ"، "ބާޖިރާއޯ މަސްތާނީ" އަދި "ޕަދްމާވަތް" ފިލްމު ވެގެން ދިޔައީ ބޮޑު ބްލޮކްބަސްޓާ ތަކަށެވެ. މި ފިލްމުތަކުގެ ކާމިޔާބާ އެކު ބަންސާލީ އާއި ދީޕިކާގެ ޓީމް ވެގެން ގޮސްފައި ވަނީ "ޑްރީމް ޓީމް" އަކަށެވެ. އަދި މި ޓީމުގެ އިތުރު މަސައްކަތްތައް ބަލަން ކެތްމަދުވެފައި ތިބި މީހުން ގިނަ އެވެ.

ހަބަރުތައް ބުނާގޮތުން ބަންސާލީ އާއި ދީޕިކާގެ ގުޅުން މިހާރު އެހާ ރަނގަޅެއް ނޫނެވެ.

މައުލޫމާތު އެނގިހުރި މީހަކު "ބޮލީވުޑް ހަންގާމާ" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މި ހިތްހަމަ ނުޖެހުން އުފެދިފައި ވަނީ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ގަންގޫބާއީ ކަތިއާވަޑީ" ގެ ލަވައަކަށް ނެށުމަށް އެދުމުން އެކަން ކުރުމަށް ދީޕިކާ ދެކޮޅު ހެދުމުންނެވެ.

"ބަންސާލީ ވަނީ ގަންގޫބާއީ ކަތިއާވަޑީގެ ލަވައެއް ކުޅުމުގެ ފުރުސަތު ދީޕިކާއަށް ދީފައި. ދީޕިއާ އެ ފުރުސަތު ބޭނުމެއް ނުކުރި. އޭގެ ފަހުން ބަންސާލީ ވަނީ "ހީރާ މަންޑީ" ގެ މުހިއްމު ރޯލެއް ނުވަތަ އެ ވެބް ސީރީޒްގައި ވެސް ލަވައެއް ކުޅުމަށް ދީޕިކާ ގާތުގައި އެދިފައި. ދީޕިކާ ވަނީ އެ ފިލްމުގައި ވެސް މަސައްކަތް ކުރުމަށް ދެކޮޅު ހަދާފަ،" ނަން ހާމަނުކުރުމަށް އެދި އެމީހާ މައުލޫމާތު ދިނެވެ.

ރިޕޯޓުތައް ބުނާގޮތުން މި ރުޅިވެރިކަން އުފެދިފައިމިވަނީ ބަންސާލީގެ ހުށައެޅުންތަކަށް ދީޕިކާ ގަބޫލުނުވުމުންނެވެ.

ފިލްމީ ދާއިރާގައި އަޑު ފެތުރިފައިވާ ގޮތުގައި މި ހަމަނުޖެހުންތަކުގެ މުގުލުގައި ވަނީ "ގަންގޫބާއީ ކަތިއާވަޑީގެ" ލީޑު ރޯލު އާލިއާ ބަޓްއަށް ދިނުމެވެ. އެންމެ ފުރަތަމަ މި ފިލްމު ހުށައަޅާފައި ވަނީ ޕްރިޔަންކާއަށެވެ. އެއަށް ފަހު ދެވަނަ އަށް ދީޕިކާއަށެވެ. އެހެން ނަމަވެސް އާލިއާއާ އެކު ބަންސާލީ އުފައްދަން އުޅުނު، ސަލްމާން ހާން ލީޑުން ފެނިގެން ދާ ގޮތަށް ހަމަޖެހުނު "އިންޝާﷲ" ފިލްމުގެ މަސައްކަތް ހުއްޓުމުން އޭގެ ބަދަލެއްގެ ގޮތުގައި ބަންސާލީ ވަނީ އާލިއާއާއެކު ގަންގޫބާއީ ކަތިއާވަޑީ އުފައްދަން ނިންމާފަ އެވެ.