ދިވެހި ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ދީ، އެކަން ކުރި ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފި އެވެ.
ހ. ހުޅުގަލީގައި ހިންގާ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކުރީ މިދިޔަ ޖެނުއަރީ 30 ގަ އެވެ. ފުލުހުން އެ އެޕާޓްމަންޓަށް ބަލައި ފާސްކުރުމުގެ ތެރެއިން 49،000 ސިނގިރޭޓް ފޮށި ފެނިފައިވެ އެވެ.
ސިނގިރޭޓު އުފައްދަން އުޅުނީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގަ އެވެ. އެކަމަކު، އެ ކުންފުންޏާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
ނަމަވެސް އެ މައްސަލައިގައި ރޭޑިއަސް ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށް މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބުނެފަ އެވެ. އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. އެ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ.
އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.