ރޯދައަށް އެސްޓީއޯއިން ގެނައި އެތައް ޓަނުގެ ފިޔާ ނުވިކިގެން ގޮނޑަށް އުކާލައިފި އެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނިން މި ރޯދައާ ދިމާކޮށް ފުރަތަމަ ފިޔާ ގެނެސް ވިއްކީ ބަސްތާއެއް 355ރ. އަށެވެ. އަދި އޭގެ ފަހުން ފިޔާ ބަސްތާއެއް 310ރ. އަށް ވެސް ވިއްކި އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން މި ރޯދަމަހާ ދިމާކޮށް ގެނައި ފުރަތަމަ ފިޔާ ޝިޕްމަންޓް ވިކި ހުސްވި އެވެ. ނަމަވެސް ދެވަނަ ޝިޕްމަންޓްގެ ގޮތުގައި ގެނައި ގާތްގަނޑަކަށް 50 ޓަނުގެ ފިޔާގެ ތެރެއިން 80 ވަރަކަށް ޕަސެންޓް ނުވިކިގެން އުކާލަން ޖެހުނު ކަމަށް ވެސް އެނގިފައިވެ އެވެ.
އެސްޓީއޯ އިން ގެނައި ފިޔާގެ ތެރެއިން ނުވިކިގެން ކުނިވި ފިޔާ ބަސްތާތަކެއްގެ ވީޑިއޯ އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
އެ ކުންފުނިން ވަނީ ކުނިވެފައި ހުރި ފިޔާ ބަސްތާތަކެއް މާލޭގައި ހޮޓާ ހިންގާ ބައެއް ފަރާތްތަކަށް ވިއްކައިފަ އެވެ. އެ ފަރާތްތަކަށް ކުނި ފިޔާ ބަސްތާއެއް ވިއްކީ 10ރ. އަށް ކަމަށް ވެސް އެނގިފައިވެ އެވެ.
އެސްޓީއޯއިން މި ރޯދައަށް ފިޔާ ގެނައީ ބާޒާރުގައި ވިއްކާ އަގު ދަށްކޮށް، ރޯދަމަސް ނިމެންދެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. ނަމަވެސް ފަހުން އެ ކުންފުނިން ފިޔާ ވިއްކީ ބާޒާރުމަތީ ފިހާރަތަކަށް ވުރެ ބޮޑު އަގުގަ އެވެ.