މަތިމައްޗަށް ޓެކްސް ދައްކަން ޖެހުމާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދުގެ ސަބަބުން ދެކޮޅު ނުޖެހޭތީ ޔޫރަޕުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ޔޫރަޕުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން އެމަނިކުފާނަށް ގުޅައި ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދޭނެ މަންޒަރެއް ނުފެންނަ ކަމަށެވެ.
އެ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް މާރުކުރަން ޖެހުމުން، ދުވަހުން ދުވަހަށް ހިންގާ ހަރަދުތަކާއި ލޯނުތަކަށް ފައިސާ ދެއްކުމަށްފަހު ޑިވިޑެންޑުގެ ގޮތުގައި ބަހާނެ އެކަށީގެންވާ މިންވަރެއް ނުހުރުން ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޔޫރަޕުގައި 20 ވިހި ޕަސެންޓްގެ ޖީއެސްޓީ ދައްކަމުންދާއިރު، ރާއްޖޭގައި ވެސް ހަމަ އެފަދައިން މަތިމައްޗަށް ޓެކްސް ދައްކަން ޖެހުމަކީ ވިޔަފާރިތަކަށް ނުކުޅަދާނަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ނުހޯދިއްޖެ ނަމަ، މިއީ ދިވެހިރާއްޖެ އިގުތިސާދީ ގޮތުން ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ވެއްޓިގެންދާނެ ކަމެއް ކަމަށް ވެސް ކުރީގެ ރައީސް ނަޝީދު ވަނީ އިންޒާރު ކުރައްވައިފަ އެވެ.
ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނެގޭނެ ގޮތް ހެދުމަށްޓަކައި ޖީއެސްޓީގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު މީރާއަށް ފޯރުކޮށްދިނުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މީރާއިން ވަނީ އަންގައިފަ އެވެ.
ރާއްޖޭގައި ހިންގާ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނެސްފައިވާ ބަދަލާއެކު، ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ އެކި ޖަމާއަތްތަކުން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
78 ވަނަ އެމީ އެވޯޑްސް: އެންމެ މޮޅު ތަރިންނާއި ޝޯތައް!
ޑާކް ޗޮކްލެޓު: ހަގީގަތުގައި ވެސް ސިއްހަތަށް ފައިދާހުރި ބަދަލެއް؟
ހއ އިން ގދ އާ ހަމައަށް މޫސުން ގޯސްވެ އެލާޓް ނެރެފި
