ރައީސް މުހައްމަދު މުއިއްޒު އެންގެވި ހަ ބޭފުޅުން ޕީއެންސީގެ ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފި އެވެ.

މިހާރު ކުރިއަށްދާ އެޕާޓިގެ ކޮންގްރެސް ގައި ވަނީ ވޯޓަށް އަހައި 6 ނައިބު ރައީސުން އިންތިހާބުކޮށްފަ އެވެ.

ނައިބު ރައީސް ކަމަށް އެންމެ ގިނަ ވޯޓާއެކު އިންތިހާބުވެވަޑައިގަތީ ރައީސް މުއިއްޒުގެ އެންމެ އަރިސް ވަޒީރު ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ރައީސް މުއިއްޒުގެ އެންގެވުމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ނިލަދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތިމަތު ސައުދާ ވެސް ވަނީ ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފަ އެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށް ރައީސް މުއިއްޒު ތާއީދު ނުކުރައްވާތީ، އެ ދެ ބޭފުޅުންނަށް ވޯޓު ނުދޭން ވަނީ އަންގާފަ އެވެ.

ނައިބު ރައީސް ކަމަށް އިންތިހާބުވި ބޭފުޅުން

  1. އަބްދުﷲ ރާފިއު: 968 ވޯޓު
  2. ފާތިމަތު ސައުދާ: 923 ވޯޓު
  3. އަހުމަދު ޝިޔާމް: 964 ވޯޓު
  4. އިބްރާހިމް ޝުޖާއު: 862 ވޯޓު
  5. މުހައްމަދު ސައީދު: 833 ވޯޓު
  6. މުހައްމަދު ހުސައިން ޝަރީފް (މުންދު): 780 ވޯޓު

ނައިބު ރައީސް ކަމަށް ރައީސް މުއިއްޒުގެ ތާއީދު ނެތް ބޭފުޅުން

  1. މުހައްމަދު ނިމާލް: 301 ވޯޓު
  2. އަސްމާ ރަޝީދު: 288 ވޯޓު

ވޯޓު ލާފައި ވަނީ އެކަމަށް ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން އެ މީހެއްގެ މޮބައިލް ފޯނު މެދުވެރިކޮށެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ހަ ބޭފުޅުން އިގްރާރުވުން މިރޭ ބާއްވާ ރަސްމިއްޔާތެއްގައި އޮންނާނެ އެވެ.

އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މިއަދުގެ މެންދުރުފަހު 14:00 ގެ ކުރިން އިންތިހާބީ ކޮމިޓީއަށް އެ ޝަކުވާ އެއް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން ވަނީ ދީފަ އެވެ.