މަސްޖިދުލް ހަރަމްއަށް ގިނަ އަދަދަކަށް މީހުން ވަދެ ބާރުބޮޑުވާނެ ކަމަށް ބެލެވޭ ވަގުތުތަކުގައި އެ މިސްކިތަށް ކުޑަކުދިން ނުގެންދިއުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފި އެވެ.

ސައޫދީ އަރަބިއާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުުރުމަށްޓަކައި މި ދުވަސްވަރު އެންމެ ރަނގަޅު ގޮތަކީ މިސްކިތުގެ ގޯތިތެރެއަށް ކުޑަކުދިން ނުވެއްދުން ކަމަށެވެ.

އެގޮތުން ނަމާދު ވަގުތުތަކާއި ފަހު ދިހައިގެ ރޭތަކުގައި މިސްކިތަށް ކުޑަކުދިން ނުގެންދިއުމަކީ ދެން މިސްކިތުގައި ތިބޭ އެހެން މީހުންނަށް ވާ އުނދަގޫތައް ކުޑަވާނެ ކަމެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.

އެއާއެކު މިސްކިތުގައި ގާއިމުކޮށްފައިވާ ކުޑަ ކުދިން ބެލެހެއްޓުމުގެ ހިދުމަތް (ޑޭކެއާ ފެސިލިޓީ) ބޭނުން ކުރަން ވެސް އެ ވުޒާރާއިން ބާރުއަޅާފަ އެވެ.

އެ ހިދުމަތަކީ 24 ގަޑިއިރު ލިބެން ހުންނަ ހިދުމަތެއް ކަމަށާއި ކުޑަ ކުދިންނަށް ރައްކާތެރި މާހައުލެއް ލިބޭނެ ހިދުމަތެއް ކަމަށް ދެ ހަރަމާބެހޭ އިދާރާއިން ބުނެފައިވެ އެވެ.

ރަމަޟާން މަހުގެ ފަހު ދިހައަކީ މުޅި އަހަރު ތެރޭގައި ވެސް އެންމެ ގިނަ މީހުން އުމްރާކުރާ ދުވަސްވަރަށް ވާއިރު މި ދުވަސްވަރު މިސްކިތަށް ބާރުބޮޑުވެ ތޮއްޖެހުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ.