މި ރަމަޟާން މަހުގެ 27 ވިލޭރޭ އަޅުކަން އަދާކުރުމަށާއި އުމްރާ ވުމަށް މައްކާގެ މަސްޖިދުލް ހަރަމްއަށް 3.4 މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވި ކަމަށް ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
މިއީ މިހާތަނަށް މައްކާގެ ހަރަމްފުޅަށް އެންމެ ގިނަ ބަޔަކު ޖަމާވި ފަހަރު ކަމަށް ސައުދީގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
އެއްހާސް މައްސަރުގެ އަޅުކަމުގެ ދަރުމަ ލައްވަވާފައިވާ ލައިލަތުލްގަދްރި ވިލޭރޭ ކަމަށް އެންމެ ބޮޑަށް ބެލެވޭ 27 ވިލޭރެ އަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ދެ ހަރްމަފުޅަށް ބާރުބޮޑު ރެއެކެވެ.
ސައޫދީ ގެޒެޓްގައި ބުނެފައި ވަނީ މައްކާގެ ހަރަމްފުޅުގައި ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ހުރިހާ ތަނެއް ފުރި ހަރަމްފުޅުގެ ބޭރު މަގުތަކާއި މައިދާންތައް ވެސް އޮތީ ރޭ ތޮއްޖެހިފަ އެވެ.
ކައުބަތުﷲ ގެފުޅުގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ވަނީ މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ނިންމާލައިފަ އެވެ. އެގޮތުން 2010 ވަނަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން 414،000 އަކަ މީޓަރުން 1.564 މިލިއަން އަކަމީޓަރަށް މިހާރު ވަނީ ބޮޑުކޮށްފަ އެވެ. އޭގެ މާނައަކީ 390،000 އިން 912،000 އަކަ މީޓަރަށް ނަމާދު ކުރާ ސަރަހައްދުގެ ޖާގަ ބޮޑުވެގެންދިއުމެވެ.
ހަރަމްފުޅުގެ ޖާގަބޮޑުކުރުމުގެ ބިޔަ މަޝްރޫއުގައި ބޭނުންކުރި ބިޔަ ޓަވާ ކްރޭންތައް 15 އަހަރު ފަހުން، މިފަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވަނީ އެތަނުން ނަގައިފަ އެވެ.
ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއު ނިމުނުއިރު އެތަނުގެ ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް ފުރިހަމަކޮށްފަ އެވެ. މިގޮތުން ދެކޮޅަށް ހަރަކާތްކުރާ ގޮތަށާއި އަދި ހަރުކޮށްފައިވާ ބިއްލޫރި ގުނބުތަކާއި، ކުދިކުދި ބިއްލޫރި ފަށަލަތަކާއި، ރީތި ފަސާޑު އަދި އިސްލާމިކް އާކިޓެކްޗާގެ ރީތިކަން ދައްކައިދިނުމަށް ދަގަނޑުން ހަދާފައިވާ އެކި ކުލަތަކުގެ ޖާލީތަކުން ހަރަމްފުޅަށް ވަރަށް ބޮޑަށް ފުރިހަމަކަން ގެނެސްދީފައިވެ އެވެ. މީގެ އިތުރުން ސްވަރޮވްސްކީ ކްރިސްޓަލް އެކްސެންޓު ބޭނުންކޮށްގެން 2،700 އަކަ މީޓަރުގެ ގުރުއާނިކް ކެލިގްރަފީގެ ސަބަބުން އެތަނުގެ ރީތިކަން އިތުރަށް ފުރިހަމަވެގެންދެ އެވެ.
ސައުދީ ސަރުކާރުން ބުނީ ހަރަމްފުޅު ބޮޑުކުރުމުގެ ތިންވަނަ މަޝްރޫއުގެ ބޭނުމަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް އާދަޔާ ޚިލާފު ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ. އަދި ވަސީލަތްތައް ރަނގަޅުވެ، ޖާގަ އިތުރުވެ، ހަރަމްފުޅަށް ފަސޭހައިން ވަދެވޭނެ ގޮތްތަކަށް އިންތިޒާމްކުރުމުން މީހުންނަށް އަޅުކަން ހިތްހަމަޖެހުމާއެެކު ފުރިހަމަވާނެ ކަމެއް ކަމަށް ވެސް ސައުދީން ބުނެ އެވެ.
ސައުދީގެ ކަމާ ބެހޭ އިދާރާތަކުން ބުނީ މި ރަމަޟާން މަހުގެ މިހާތަނަށް އުމްރާގެ އަޅުކަން އަދާކުރުމަށް 10 މިލިއަނަށް ވުރެ ގިނަ މީހުން ހަރަމްފުޅަށް ޖަމާވި ކަމަށެވެ.
އާއްމުކޮށް ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅަށް އެތައް މިލިއަން މީހުން ރޭ އަޅުކަން އަދާކުރަން ޖަމާވެ އެވެ. މިގޮތުން މިސްކިތުގެ ޖާގަ ފުރިގެން ހަރަމްފުޅު ވަށައިގެން އެތައް ކިލޯ މީޓަރަކަށް މީހުން ޖާމަވެ އެވެ.
ހަރަމްފުޅުގައި ކުރި ދަމު ނަމާދުގައި ދުއާ އިއްވައިދެއްވީ އެ މިސްކިތުގެ އިސް އިމާމް ޝެއިޚް އަބްދުއްރަހުމާން އަލް ސުދައިސް އެވެ. އޭނާގެ އަސަރުގަދަ ދުއާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު ދުއާ އެކެވެ.