ހިނގަމުން މިދާ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ދުނިޔޭގެ މުސްލިމުން އަޅުކަމުގައި އިތުރަށް ހީވާގިވާ ދުވަސްވަރެކެވެ. މާތް ﷲގެ މިނެއް ނެތް ރަހުމަތާއި ނިއުމަތަށް އެދި އެކަލާނގެއަށް ކުއްތަންވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ދުވަސްވަރެކެވެ.
އެކަން އެނގިގެންދަނީ މި ފަހުދިހައިގެ ރޭތަކުގައި މަސްޖިދުލް ހަރަމްއަށް ޖަމާވާ މުސްލިމުންގެ އަދަދަށް ނަޒަރު ހިންގާލުމުންނެވެ. ނިމިދިޔަ 27 ވިލޭރޭ އެކަނި ވެސް އެ މިސްކިތުގައި 3.4 މިލިއަން މީހުން އަޅުކަން ކުރި އެވެ.
މުސްލިމުންގެ އީމާންތެރި ކަމަކީ ވެސް އެފަދަ ދެވަނައެއް ނުވާ ކަމެކެވެ. މާތް ﷲގެ ހަޟްރަތަށް ކުއްތަންވުމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައް ގިރާކުރަނީ ދެވަނަ ވިސްނުމަކާނުލަ އެވެ.
މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ މަސްޖިދުލް ހަރަމްގެ ގޯތި ތެރެއިން ފެނިގެންދިޔައީ އެ މަންޒަރެވެ. އެ މާތް މައްސަރުގެ އެންމެ ފަހު އޮނަހިރި ރޭތަކުގެ ތެރެއިން އެ ރޭގައި އެ މިސްކިތަށް ވެހުނު ބޯ ވާރޭގެ ތެރެއިން ވެސް އަޅުކަން ކުރަން ތިބި މީހުންގެ އަޅުކަމަށް އެއްވެސް ބަދަލެއް ނާދެ އެވެ.
އެހެނެއް ކަމަކު އެ ބޯ ވާރޭގެ ތެރޭގައި ތެމި ފޯވެގެން ވެސް މާތް ﷲގެ ހަޟްރަތަށް ކުއްތަން ވުމުގައި އެ މީހުން ދެމިތިއްބެވެ. އެތައް ހާސް މައްސަރަކަށްވުރެ މާތް ކުރައްވާފައިވާ ލައިލަތުލް ގަދުރި ވިލޭރޭގެ ދަރުމައާއި ސަވާބަށް އެދޭ ހާލުގަ އެވެ.
ލައިލަތުލް ގަދުރި ވިލޭރޭއަކީ ކޮން ރެއެއްކަން ވަންހަނާ ކުރައްވާފައިވީ ނަމަވެސް އެ ރޭ ފެންނާނެ ސިފަތަކެއް ސުންނަތުގައި އައިސްފައިވެ އެވެ.
އޭގެ ތެރޭގައި ވާރޭ ހިމެނެ އެވެ. ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްއަށް ހުވަފެން ފުޅެއްގައި ލައިލަތުލް ގަދުރި ވިލޭރޭ ފެނިވަޑައިގެންނެވިއިރު ވާރޭއާއި ކިސަޑު ވެސް ފެނިވަޑައިގަތެވެ. އެހެން ކަމުން ވާރޭއަކީ އެ ރޭގެ ނިޝާނެއް ކަމަށް ބެލެވިފައި އޮވެ އެވެ.
ކަން މިހެން އޮތްއިރު ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ވާރޭ ވެހުމަކީ ބަރަކާތްތެރި ކަމެއްގެ ގޮތުގައި މުސްލިމުން ދެކެ އެވެ. އެއީ މާތް ﷲގެ ރަހުމަތުގެ ވާރޭ ކަމުގައި ބަލައިގަނެ އެވެ. އެހެން ކަމުން އެ ވާރޭ ތެރޭގައި ވެސް އަޅުކަމުގައި ސާބިތުވެ ތިބެ އެވެ.
މާތްވެގެންވާ ލައިލަތުލް ގަދުރި ވިލޭރޭގެ އެހެން ނިޝާންތަކުގެ ތެރޭގައި ސުލްހަވެރި އަމާން ރެއަކަށް ވުމާއި އިރު އަރައިގެން އަންނައިރު އިރުގެ ދޯދިތައް ނެތުން ހިމެނެ އެވެ.
މިފަދަ ކަންކަން އެނގެން އޮތް ނަމަވެސް އަހަރުމެން މުސްލިމުންނަށް އޮތީ އެ ރެއަކީ ކޮން ރެއެއްކަން ހޯދަން އުޅުމުގެ ބަދަލުގައި ފަހު ދިހައިގެ ފުރިހަމަ ދަރުމައާއި ސަވާބަށް އެދި އަޅުކަމުގައި ޝާމިލްވުމެވެ.
27 ވިލޭރޭގެ ވާރޭގައި ވެސް 3.4 މިލިއަން މީހުން ހަރަމްފުޅަށް ޖަމާވިއިރު ވަކި ހިސާބަކުން މިސްކިތުގެ ޖާގަ ފުރި ދޮރުތައް ވެސް ބަންދު ކުރަން ޖެހުނެވެ.
މުސްލިމުންގެ އިމާންތެރިކަމުގެ ފުރިހަމަކަން އެ ރޭގެ މަންޒަރުން ފެނިގެން ދިޔަ އެވެ. ހިއަށް ނުވަތަ ފިންޏަށް ފަރުވާލެއް ނެތި އަޅުކަމުގައި ސާބިތުވެ ތިބި މަންޒަރު މުޅި ދުނިޔެއަށް އެ ރޭ ދައްކައިދިނެވެ.