މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް ހަރަމް އިތުރަށް ތަރައްގީ ކުރަން ސައޫދީ އަރަބިއާގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރެ އެވެ.
އެގޮތުން ދާދި ފަހުން ނިންމާލި ހަރަމްފުޅުގެ ޖާގަ ބޮޑު ކުރުމުގެ މަޝްރޫއުއާއެކު އެ މިސްކިތުގެ އެއް މަހުގެ ކަރަންޓް ބިލް ހަތަރު މިލިއަން ޑޮލަރަށްވުރެ މައްޗަށް ވަނީ އަރައިގެން ގޮސްފަ އެވެ.
ސައޫދީ އަރަބިއާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މިހާރު ހަރަމްފުޅުގައި ކޮންމެ ދުވަހަކު ބޭނުންކުރެވޭ ކަރަންޓުގެ މިންވަރު 100 މެގަވޯޓަށްވުރެ މައްޗަށް އަރައިގެންދެ އެވެ.
ހަރަމްފުޅުގެ 4 މިލިއަން ޑޮލަރުގެ ކަރަންޓު ބިލު ބެހިގެންދަނީ އެ މިސްކިތުގައި ގާއިމު ކުރެވިފައިވާ ތަފާތު ބިޔަ ސިސްޓަމްތަކާއި ހިދުމަތްތަކަށެވެ.
އެގޮތުން 8000 ސްޕީކަރާއެކު ހަރަމްފުޅުގައި ގާއިމުކުރެވިފައިވާ އޯޑިއޯ ސިސްޓަމްއާއި 8000 އަށްވުރެ ގިނަ ސެކިއުރިޓީ ކެމެރާތަކުގެ އިތުރުން 120،000 ދިއްލުންތަކަކީ ފާހަގަ ކޮށްލެވޭ ކަންކަމެވެ.
މީގެ އިތުރުން ވެސް މިސްކިތުގެ 155،000 ޓަނުގެ ކޫލިން ސިސްޓަމްއާއި 519 ލިފްޓު އަދި ތަފާތު ބަސްތަކުން ތަރުޖަމާ ކުރެވޭ ގޮތަށް ގާއިމު ކުރެވިފައިވާ 16 އިންޓަރެކްޓިވް ސްކްރީންތަކަކީ ވެސް ކަރަންޓު ބޭނުންކުރާ ވަސީލަތްތަކެވެ.
ހަރަމްފުޅުގެ ޖާގަ ބޮޑު ކުރުމުގެ ތިންވަނަ އަދި އެންމެ ބޮޑު މަޝްރޫއު ނިންމާލާފައިވާއިރު އެ މިސްކިތުގެ ޖާގަ ވަނީ އެއްފަހަރާ ދެ މިލިއަން މީހުންނަށް ނަމާދު ކުރެވޭ ގޮތަށް 414،000 އަކަ މީޓަރުން 1.564 މިލިއަން އަކަމީޓަރަށް ބޮޑުކޮށްފަ އެވެ.
މަސްޖިދުލް ހަރަމްއަކީ މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތަށްވާއިރު ކޮންމެ އަހަރަކު ވެސް އެތައް މިލިއަން މުސްލިމުން އެ މިސްކިތަށް ޒިއާރަތް ކުރެ އެވެ.