އިރު އޮއްސޭ ވަގުތަށް ގަޑީގެ ފައިކަށި ކުރު ކުރަމުން ދާއިރު މިސްރުގެ "ސައީދާ ޒައިނަބް" އޭ ކިޔުނު ސަރަހައްދު ހަލަބޮލިވެ އެވެ. އެ ސަރަހައްދުގެ އެންމެ ދިގު މަގުގެ އެކި ސަރަހައްދުތަކުގައި މޭޒުތަކެއް އަތުރާލެވެ އެވެ.
އިސާހިތަކު އެ މޭޒުތަކަށް ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި އަރައި ފުރެ އެވެ. އެފަދަ ދެވަނައެއް ނެތް ރޯދަ ވީއްލުމަކަށް ތައްޔާރުވެ އެވެ.
މިއީ ޒަމާނުއްސުރެ އެ ސަރަހައްދުގައި އޮންނަ ރަމަޟާން މަހުގެ ސަގާފަތެކެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ ގިނަ ބައެއްގެ އިސްނެގުމާއެކު ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ނިކަމެތިންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށް "ރަހުމަތުގެ މޭޒު"ތައް އަތުރާލަ އެވެ.
އިރު އޮއްސެން ވަގުތު ކައިރިވާ ވަރަކަށް މޭޒުގައި އިށީންނަ މީހުންގެ އަދަދު އިތުރުވެ އެވެ. ރޯދަ ވީއްލާ މީހުންނަށް އެހީތެރިވުމުގައި އުޅޭ އެކި އުމުރުފުރާގެ މީހުން އިތުރަށް ހޭލަމޭލަވެ އެވެ.
އެކަމުގައި އުޅޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި ގާތްގަނޑަކަށް ކޮންމެ 10 މީޓަރަކުން މޭޒެއް އަތުރާލެވޭއިރު ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ މީހުން އެ ރޯދަ ވީއްލުމުގައި ބައިވެރިވެ އެވެ.
މިސްރުގެ އިހުސާންތެރިކަމުގެ މޭޒު އެ ސަރަހައްދުގައި ދިރިއުޅޭ ހަމަ ކޮންމެ މީހަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ.
މި ސަގާފަތް ވެފައިވަނީ މިސްރުގައި އެތައް ގަރުނެއްވީ ސަގާފަތަކަށެވެ. އެއީ އެ ގައުމުގެ ރޯދަ މަހުގެ އެންމެ ދުވަސްވީ އާދަކާދަ އެވެ.