މިއަހަރުގެ ރަމަޟާން މަސް ވެގެން ގޮސްފައިވަނީ މައްކާގެ މަސްޖިދުލް ހަރަމަށް ރެކޯޑު އަދަދަކަށް މުސްލިމުން އަޅުކަން ކުރަން ޒިއާރަތްކުރި މަހަކަށެވެ.
މި ރަމަޟާން މަހުގެ 27 ވިލޭރޭ އެކަނި ވެސް އެ މިސްކިތަށް 3.4 މިލިއަން މުސްލިމުން ޖަމާވެފައިވާއިރު މިއީ ތާރީހުގައި ވެސް އެއް ރެއެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން އެ މިސްކިތަށް އައި ރެއެވެ.
އެގޮތުން އެއީ ފާއިތުވި އަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރި މުސްލިމުންގެ އަދަދަށްވުރެ ވެސް ގިނަ އަދަދެކެވެ. ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަން އަދާކުރަނީ 1.5 މިލިއަނާއި 2.5 މިލިއަނާ ދެމެދުގެ އަދަދެއްގެ މުސްލިމުންނެވެ.
އެންމެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރި 2012 ގައި ވެސް އެ އަޅުކަމަށް ސައޫދީއަށް ގޮސްފައިވަނީ 3.16 މިލިއަން މުސްލިމުންނެވެ.
ހަރަމްފުޅުގެ ޖާގަ ބޮޑު ކުރުމަށް ސައޫދީ އަރަބިއާއިން ކުރިއަށް ގެންދިޔަ ތިންވަނަ މަޝްރޫއު ދާދިފަހުން ނިމިފައިވާއިރު އެ މިސްކިތުގައި އެއްފަހަރާ ނަމާދު ކުރެވޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ.
މިއަހަރު މަސްޖިދުލް ހަރަމްއަށް އަޅުކަމަށް އައި މުސްލިމުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ދެ ހަރަމާ ބެހޭ އިދާރާއިން ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުން ކޮށްފަ އެވެ.