ރާއްޖެއަށް އެންމެ ބޮޑު މާލީ އެހީތެރިކަން ދެނީ އަވަށްޓެރި އިންޑިއާ އިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދޭން ނިންމި 250 މިލިއަން ޑޮލަރު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ ފާއިތުވި މާޒީގައި ވެސް އިންޑިއާ އިން ރާއްޖެއަށް މާލީގޮތުން ބޮޑެތި އެހީތަކެއް ދީފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ މިދަނޑިވަޅުގައި ވެސް އިންޑިއާ އިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ދެމުންދާ ކަމަށް އަމީރު ވިދާޅުވި އެވެ.
އިންޑިއާ އިން ދީފައިވާ މާލީ އެހީތައް ފާހަގަކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ދާދިފަހުން އެ ގައުމުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަކީ މިފަދަ ދަތި ދަނޑިވަޅެއްގައި ލިބުނު މުހިއްމު އެހީތެރިކަމެއް ކަމަށެވެ.
ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ އިން 500 މިލިއަން ޑޮލަރު ދޭން ނިންމިކަން ވެސް އަމީރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން އިންޑިއާ އިން ދީފައިވާ 1.4 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ޕެކޭޖު ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން ވަނީ ނިންމާފައެވެ. އެ މަޝްރޫއުތައް ހިންގާނީ ދެ ފުށް ފެންނަ ގޮތަކަށް ކަމަށް މިނިސްޓަރު އަމީރު މިއަދު ވިދާޅުވި އެވެ.