ހަޔާތުގެ އެކި މަރުހަލާތަކުގައި ހާސްކަމާއި ނުތަނަވަސްކަން ގިނަވުމުގެ ސަބަބުން ކަންތައްތައް ކުރަންވީ އަދި ދާންވީ މިސްރާބު ވަރަށް ގިނަ ފަހަރު ގެއްލެ އެވެ. މިފަދަ ހިތް ނުތަނަވަސްކުރާ އިހުސާސްތަކަކީ އަމިއްލައަށް ހައްލު ނުކުރެވިއްޖެނަމަ، މީހާގެ އުފެއްދުންތެރިކަމަށް އަސަރުފޯރާ ކަންތަކެވެ.
އައިޝަތު ޒީނާ (ޒީ)ގެ އެންމެ ބޮޑު އަމާޒަކަށް ވެފައި ވަނީ މީހުންނަށް ދިމާވާ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިދީ، ހިތްހަމަޖެހުމާއި އަމާންކަން އިހުސާސް ކޮށްދިނުމެވެ. ކްލިނިކަލް ހިޕްނޯސިސް އަދި އިމޯޝަނަލް އިންޓެލިޖަންސްގެ އެހީގައި ދިރިއުޅުމަށް ހަމަޖެހުން ގެނެސްދިނުމަށްޓަކައި ވިސްނުމާއި ފިކުރުތަކަށް ބައްޓަން ކުރުމަށް އެހީތެރިވެދިނުމެވެ. އޭނާ ކޯޗިންގެ ދާއިރާއަށް ނުކުތީ އެކަމަށް ބޭނުންވާ އިލްމާއި ތަޖުރިބާ ލިބި، އެކަމަށް ގާބިލް މީހަކަށް ވެގެންނެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއިން މެދު މަދަރުސީ ތައުލީމް ހާސިލްކުރެއްވި ޒީއަކީ ސްކޫލު ދައުރުގައި ލީޑާޝިޕްގެ ގިނަ ރޯލްތަކެއް އަދާކުރި ދަރިވަރެކެވެ. އެގޮތުން ސީނިއާ ޕްރިފެކްޓް ކަމާއި، ދިވެހި ޖަމިއްޔާގެ ސެކެޓެރީކަމުގެ އިތުރުން ގާލްގައިޑް އާއި ލިޓްލްމެއިޑްގައި އިސްކޮށް، ހަރަކާތްތެރިވެ އުޅުނެވެ.
ސްކޫލް ނިމުމަށްފަހު 1998 ގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ހިންގި ތިން އަހަރުގެ ޑިޕްލޮމާ އިން ނާސިން އެންޑް މިޑްވައިފަރީ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ސިއްހީ ދާއިރާއަށް ނުކުތީ ބަލި މީހުންނާށް ހިދުމަތް ކޮށްދިނުމަށް ބޭނުންވެގެންނެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރީ އިންޓެންސިވް ކްރިޓިކަލް ކެއާ ޔުނިޓް (އަސީސީޔޫ) ގައި ރަޖިސްޓާޑް ނަރުހެއްގެ ގޮތުގަ އެވެ. އައިސީޔޫއިން މުހިންމު ގިނަ އަމަލީ ތަޖުރިބާތަކެއް ލިބުނުކަމާއި މިއަދުވެސް އެތަޖުރިބާގެ އަލީގައި އެތައް ކުރިއެރުންތަކެއް ލިބިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ޚާއްސަކޮށް މީހުންނާ މުއާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ ރީތި ބަސްމަގު ދަސްވީ އައިސީޔޫގެ ތެރެއިން ކަން ޒީ ފާހަގަކުރެ އެވެ.
އައިސީޔޫގައި ބަލި މީހުންނަށް ދޭ ޚިދުމަތާއި، ބަހައްޓާ އޯގާތެރިކަމާއި، ދެއްކި ލީޑާޝިޕްގެ ފުރިހަމަކަމުން ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ދޭ ޕްރޮމޯޝަން އޭނާއަށް ލިބުނެވެ. ފުރަތަމަ ރެޖިސްޓާޑް ނަރުހަކުން ސީނިއާ ރެޖިސްޓާރޑް ނަރުހަކަށެވެ. އޭގެ ފަހުން ކްލިނިކަލް ނަރުހެއްގެ މަގާމު ލިބުނެވެ. އަދި ތިން އަހަރު ވަންދެން އައިސީޔޫގެ އިންޗާޖްކަން ކުރެއްވި އެވެ.
އެތަނުގެ އިންޗާޖްކަން ކުރި ދުވަސްވަރު އައިސީޔޫގެ ޖާގަބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށާއި އެކަމުގެ ތެރޭގައި އުޅުނުއިރު ގިނަ ތަޖުރިބާތަކެއް ކުރެވުނު ކަމަށް ޒީ ވިދާޅުވި އެވެ. އަދި އައިސީޔޫގައި ހޭދަކުރި ދިގު 19 އަހަރުގެ ތެރޭގައި ބަލި މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަށް ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
"ނާސިން ކޯޑިނޭޝަން ޑިއުޓީއަކީ ވެސް ހަމަ އެ ދުވަސްވަރު އަދާކުރި ޒިންމާއެއް. ކޯޑިނޭޝަންގައި ހޮސްޕިޓަލް ތެރޭގައި ދިމާވާ ބަލި މީހުންނާގުޅޭ ކަންތައް ހައްލުކުރުމުގެ ޒިންމާ ނެގިން. އެއީ ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް،" ޒީ ވިދާޅުވި އެވެ.
އައިސީޔޫ ގައި ނަރުހެއްގެ ގޮތުގައި ހުރެ އޭނާ ކުރެއްވީ ވަރަށް އިޚްލާސްތެރި މަސައްކަތްތަކެކެވެ. އެކަމުން ވަރަށް ބޮޑު ޖޮބް ސެޓިސްފެންޝަނެއް (ވަޒީފާގެ ހިތްހަމަޖެހުން) ލިބޭ ކަމަށާއި ކޮންމެ ދުވަހަކު ވެސް ޑިއުޓީ ނިންމާފައި ގެއަށް ދަނީ ބަލި މީހުންނަށް ވަރަށް ބޮޑު ހިދުމަތެއް ކޮންދެވެވުނުކަމުގެ އިހުސާސް ލިބިގެން ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް
ދިރިއުޅުމުގެ ހާލަތު ނިޔާކުރި ގޮތުން 2013 ގައި ތިންވަނަ ދަރިފުޅު ލިބިގެން ވަޒީފާއިން ކެނޑިގެން ގޭގައި މަޑުކުރަން ޖެހުނެވެ. އެ ދަނޑިވަޅުގައި ހަތަރު އުދަރެސް ފެނުޖެހުނު ކަމުގެ އިހްސާސް ކުރެވުނީ ނަރުސްކަން ދޫކޮށްލައި ގޭގައި އިންނަށް ޖެހުމުންނެވެ. އޭގެ ސަބަބުން ނަފްސާނީ ގޮތުން އެތައް އުދަގޫތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެ ދުވަސްތަކުގެ ތެރޭގައި ހިތްނުތަނަވަސް ކުރުވާ ގިނަ ސުވާލުތަކެއް ވެސް ހިތުތެރޭގައި އުފެދެން ފެށިކަމަށް ޒީ ވިދާޅުވި އެވެ.
"ޒިންމާދާރު މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ކެނޑިގެން ގޭގައި ހުންނަން ޖެހުމުން ނަފްސާނީ ގޮތުން ބަލިކަށިވި. ދެން އަމިއްލައަށް ރިފްލެކްޓް (ވިސްނާ ފިކުރު) ކުރަން ބޭނުންވީ ކޮންކަމެއްތޯ މިހޯދެނީ. އަމިއްލައަށް ރިސާޗް ކޮށްގެން ހޯދަން ފެށުމުގެ ތެރޭން އެނގިގެން ދިޔައީ އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާ ވިސްނުންތަކުގެ އަސްލު ނުވަތަ ރޫޓް ކޯސްތަކެއްވާކަން. އެގޮތުން ކުޑައިރުގައި ނުވަތަ މާޒީގައި ކަން ހިނގައިފައިވާ ގޮތާއި ހަޔާތާ ގުޅިފައިވާކަން ވެސް ފާހަގަ ކުރެވުނު. އެކަން އަމިއްލަ ހޯދުންތަކުގެ އެހީ މެޑިޓޭޓް ކޮށްގެން މީހާއަށް ކާމްނަސް (ފިކުރުތަކާއި ދުރަށް ގެންގޮސްދިނުން) އަންނަ ކަމާއި (ޕޮސިޓިވް އެފަމޭޝަން) ނަފުސަށް ދިރުން ގެނުވާ ބަސްތައް ގިނައިން އަޑުއެހުމަކީ މީހާއަށް ހިތްވަރު ލިބޭ ކަމެއްކަން ދެނެގަނެވުނު. އޭގެ ސަބަބުން މުޅި މީހާގެ މީހާގެ މައިންޑްސެޓް (ވިސްނާގޮތް) ބަދަލުވެގެންދިޔަ،" ވިލާކޮލެޖްގައި ޕާޓްޓައިމް ލެކްޗަރާއެއްގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ޒީ ވިދާޅުވި އެވެ.
ޒީ ސެލްފް ކެއާ: ގިނަ ބަޔަކަށް މަންފާ ލިބިގެންދާނެ މަގެއް ކޮށައިދިން
ޒީ ކަންކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވުމާއެކު ހޮސްޕިޓަލުގައި ކޮންމެހެން މަސައްކަތް ނުކުރި ނަމަވެސް މުޖުތަމައުގައި އޭނާއަށް މުހިންމު ރޯލެއް އަދާކުރެވިދާނެކަން ވިސްނުނެވެ. ދެން ފެއްޓެވީ ސެލްފް ކެއާ ޕްރޮމޯޓްކުރުމުގެ މަސައްކަތެވެ. އެގޮތުން "ޒީ ސެލްފް ކެއާ"ގެ ނަމުގައި ސޯޝަލް ޕްލެޓްފޯމެއް ފެއްޓެވި އެވެ. މި ޕްލެޓްފޯމުގެ ބޭނުމަކީ މީހުންގެ ހިތްތަކުގައި އަމިއްލަ ނަފްސާއި ދޭތެރޭ ދެކޭގޮތް ރަނގަޅު ކުރުމަށްޓަކައި، ރަނގަޅު ވިސްނުން އުފައްދައި ތަރައްގީކުރުމެވެ. އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން ލިބި އަމިއްލަ މީހާއާއި ދޭތެރޭ ވިސްނާ ނުރަނގަޅު ވިސްނުމަށް ބަދަލު ގެނެސްދެ އެވެ. އަދި އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ އެވެ.
ޒީ ވިދާޅުވިގޮތުގައި މީހުން ނަފްސާނީ ގޮތުން ތަސައްރަފް ފުދޭވަރަކަށް އަމިއްލަ އިޙްސާސްތައް ކޮންޓްރޯލު ކުރުމަށް ފަސޭހަވެ އެވެ. ރަޖިސްޓްރީކޮށްގެން ފެށި ޒީ ސެލްފް ކެއާގައި ކޮންފިޑެންސް ބިލްޑް ކުރުމަށާއި ފޯކަސް ގެއްލޭ ކުދިންނާއި މީހުންނަށް އަމާޒުކޮށް އެމީހުންނަށް އެހީތެރިވުމުގެ ސެޝަންތައް ނަގައިދޭން ފެށި އެވެ.
ޒީ ސެލްފްކެއާ ޕްލެޓްފޯމް ހުޅުވާލުމަށް ފަހު ޒީ ދެން ވިސްނީ މީހުން އިމޯޝަނަލީ މެޗުއާ (ޖަޒުބާތުތަކަށް ބާރު ފޯރުވޭވަރު) ކުރުމަށްޓަކައި ކޯޗިން ހެއްދެވުމަށެވެ. އެކަމަށްޓަކައި އިމޯޝަނަލް އިންޓެލިޖަންޓް ޕްރެކްޓިޝަނާ ކޯހެއް ފުރިހަމަ ކުރެއްވި އެވެ. އެ ކޯސް ފުރިހަމަ ކުރުމަށްފަހު އޭނާގެ ގާތް މީހުންގެ ތެރޭގައި ނަފްސާނީ މައްސަލަ ހުރިކަމާއި އެމީހުންގެ އުދާސްތަކަށް ހައްލު ބޭނުންވެފައިވާ މިންވަރު ދެނެގަނެވި، އޭނާގެ އަމިއްލަ ކޮއްކޮއަކަށް ވެސް ވަނީ ވަރަށް ކާމިޔާބު ކަމާއެކު އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިހާރު ވެސް ޒީއަކީ މީހުންނަށް ވަރަށް ކާމިޔާބު ކޯޗިންގް ސެޝަންތައް އޮންލައިކޮށް ވެސް އަދި ފޭސް ޓު ފޭސް ސެޝަން ވެސް ނަގައިދޭ މޮޅު ލައިފް ކޯޗެކެވެ.
"އަޅުގަނޑު ކައިރިއަށް ކޯޗިން ބޭނުންވެގެން އާންމުކޮށް އަންނާނީ އަންހެނުން. އެ މީހުންނަށް އުނދަގޫވާ ކަންތައް ހިއްސާކުރުމުން ވަރަށް ރަނގަޅަށް އިނގޭ އިމޯޝަނަލް އިންޓެލިޖަންސްގެ މުހިންމުކަން، މިކަމަކީ ފިރިހެން ބޭފުޅުންގެ ދިރިއުޅުމަށް ވެސް މުހިންމު ބަދަލުތަކެއް ގެނުވާ ކަމެއް. އެހެން ނޫނަސް އަޅުގަނޑުގެ ފޯކަސް (ވިސްނުވަނީ އަންހެނުންގެ ނަފުސާނީ، ޖިސްމާނީ އަދި ރޫހާނީ ގާބިލުކަން އުފެއްދުމަށް،" އޭނާ ވިދާޅުވި އެވެ.
ކްލިނިކަލް ހިޕްނޯސިސް: ހާސްކަން ކުޑަކުރުމަށް މުހިންމު އެހީއެއް
ޒީ މިހާރު ވަނީ މުޖްތަމައުގައި ނަފްސާނީ ހޭލުންތެރިކަން ކުރިއެރުވުމަށް މެލޭޝިއާގައި މެޑިކަލް ހިޕްނޯސިސްގެ ދާއިރާއިން ވެސް ކިޔަވައި ވިދާޅުވެފަ އެވެ. ދިވެހިންގެ ތެރޭގައި މާ އާންމު ނޫން މިތެރަޕީގެ ތަފްސީލެއް ދެއްވަމުން ވިދާޅުވީ، ހިޕްނޯސިސް ސެޝަންގައި ފުރަތަމަ ކްލައަންޓްގެ ހަޔާތުގައި ހުރި މައްސަލަތައް ހިއްސާ ކުރެވުމުން ޝެޝަންތައް ކުރިއަށްދާ ގޮތް ރާވާލެވޭނެ ކަމަށެވެ. އަދި ވަރަށް ބޮޑަށް ރިލެކްސް ކޮށްދޭ ކަމެވެ. އެއަށްފަހު ވާހަކަ ދައްކައިގެން އޭނާގެ ހުރި މައްސަލަތަކުން ނުކުތުމަށް ހިތްވަރުދީ ސްކްރިޕް ކުރެވޭ ކަމަށެވެ. އެއަށްފަހު އެ މައްސަލަތައް ހައްލުކުރުމަށް މަގުދައްކައިދެވެ އެވެ.
ޒީގެ ސެޝަންތައް ފުރިހަމަ ކުރުމަށް ފަހު 98 ޕަސެންޓް މީހުން އަމިއްލައަށް އެމީހުންގެ ދިރިއުޅުމުގައި ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ދެނެގަންނަ ކަމަށާއި އަދި ނަފްސުގެ ގާބިލުކަން ގެންގުޅެން ފަށައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިޕްނޯސިސްގެ ފައިދާއަކީ މީހުންގެ ދިރިއުޅުމުގައި އުފެދިފައިހުރި ލިމިޓީން ބިލީފް (ދަށްކޮށްދޭ ވިސްނުން)ގެ ސަބަބުން އަމިއްލަ ނަފްސަށްކުރާ އިތުބާރު ގެއްލިފައިވުމާއި، ނޫނީ އޭނަގެ އަމިއްލަ ސެލްފް ވާތު (އަމިއްލަ ވަންތަކަން) ގެއްލިފައިވާނަމަ އެކަން ކުޑަކޮށްދިނުމެވެ. އަދި މައްސަލަތަކަށް ހައްލު ކުރުމަށް މަސައްކަތް ކޮށްދިނުމެވެ. އެ މައްސަލަތައް ރަނގަޅު ކޮށްފައި ނުވާނަމަ، އޭގެ ސަބަބުން އޭނާގެ މުސްތަގުބަލަށް ނުވަތަ މިހާރުގެ ދިރިއުޅުމަށް ހިޔަނީ އެޅޭނެ،" މެޑިކަލް ހިޕްނޯސިސްގެ ސެޝަންތައް ވަރަށް ކާމިޔާބުކަމާއެކު ދެ އަހަރު ކުރިއަށް ގެންގޮސްފައިވާ ޒީ ވިދާޅުވި އެވެ.
މެޑިކަލް ހިޕްނޯސިސްގެ އެހީގައި ސްޓްރެސްވުމުގެ ސަބަބުން މަސައްކަތުގެ މާހާއުލުގައި ދިމާވާ ނުތަނަވަސް ކަން ފިލުވައިދެވެ އެވެ. މީގެ ސަބަބުން މުވައްޒަފުން ވަޒީފާއިން ކެނޑޭ މިންވަރު ދަށްކުރުމަށް އެހީވެދެވިދާނެ އެވެ. އޭގެ އިތުރުން އެއީ ކެންސަރު ބަލި ނުވަތަ ދިގު މުއްދަތައް ބޭސް ކުރާ މީހުން ވެސް އެމީހުންނަށް ދިމާވާ ހާސްކަމާއި ކަންބޮޑުވުން ކުޑަކުރުމަށް ވެސް ރަނގަޅު ކަމަކެވެ.
ހާސްކަމާއި ނުތަނަވަސްކަން ދިމާވުމުން އެ އިހުސާސްތަކާއި ކުރިމަތިލައި، ހައްލު ކުރުމަށް ނަފްސު ތައްޔާރުކޮށްދިނުމަކީ ޒީގެ އެންމެ ބޮޑު އަމާޒެވެ. އެ ކަން ބިނާވަނީ އާ ޚިޔާލުތަކާއި އުފެއްދުންތެރި ވިސްނުން ވަށާލައި، ނަފްސު ތައްޔާރުވެފައިވާ މިންވަރެއްގެ މައްޗަށެވެ. އަދި ވަށައިޖެހޭ ގޮތެއްގައި އަމިއްލަ ނަފްސު ބެލެހެއްޓުމަށް ސަމަލުކަން ދިނުމަކީ ނަފްސާނީ، ޖިސްމާނީ އަދި ރޫޙަނީ މިންގަޑެއްގައި ނަފުސު ބެލެހެއްޓުމަށް ވަރަށް ވެސް މުހިއްމުކަމެވެ.