ޅ. އަތޮޅުގައި އޮތް ފިނޮޅެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކު އެމްއެންޑީއެފުން މިއަދު ސަލާމަތްކޮށްފި އެވެ.

ސިފައިން ވަނީ ޅ. ހުރަވަޅި ކައިރީގައި އޮތް ފިނޮޅަކުން ބަޔަކު ހާލުގައި ޖެހިފައިތިއްބާ ސަލާމަތްކޮށަފައިވާކަން ޔަގީންކޮށްދީފަ އެވެ.

އެއީ ފިނޮޅަށް ވެލިނަގަން ދިޔަ ތިން ބިދޭސީން ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން ރަށަށް ދެވޭނެ ގޮތެއް ނެތި އެ މީހުން ހާލުގައި ޖެހުނީ ކަމަށް މައުލޫމާތު ލިބެ އެވެ.

ފިނޮޅުގައި ހާލުގައި ޖެހިފައި ތިބި މީހުން ފެނިފައި ވަނީ ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން ޅ. ހިންނަވަރަށް ދަތުރުކުރަނިކޮށެވެ. އަދި މިއަދު މެންދުރު ފަހު 2:20 ހާއިރު ސިފައިން ވަނީ އެ މީހުން ސަލާމަތްކޮށްފަ އެވެ.

ފުލުހުން ޓްވިޓާގައި ހިއްސާކުރި ފޮޓޯތަކުން ފެންނަގޮތުގައި ކަނޑު ގަދަކަމުން ސިފައިންގެ ލޯންޗަށް އެ ފިނޮޅާ ކައިރި ނުވެވުމުން އެ މީހުން ސަލާމަތްކޮށްފައި ވަނީ ވަލެއް އެއްލައިގެންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 48 ގަޑި އިރު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ކުރިއަށް އޮތް 24 ގަޑިއިރު ގިނަ އަތޮޅުތަކަކަށް ގަދަ ވަޔާއެކު ގުގުރާ ވިއްސާރަ ކުރާނެކަމަށް ލަފާކުރެ އެވެ.

ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ގެތަކަށް އެކިވަރުގެ ގެއްލުން ވެފައިވާއިރު މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބައެއް ގަސް ވަނީ ވެއްޓިފަ އެވެ.