ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ މުކޭޝް އަމްބާނީގެ ގެ "އަންޓިލިއާ"އަކީ ދުނިޔޭގައި ވެސް އިމާރާތް ކުރެވިފައިވާ އެންމެ ފެންވަރު ރަނގަޅު އެއް ގެ އެވެ.

އެންމެ ޒަމާނީ ފެންވަރަށް ތަފާތު ހިދުމަތްތަކާއެކު އިމާރާތް ކުރެވިފައިވާ އެ ގޭގެ ހަބަރުތަކަކީ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ބަލާ ހަބަރުތަކެެކެވެ.

އެގޮތުން އެ ގޭގެ ހުރިހާ ހަރަދުތަކަށް އަހަރަކު ގާތްގަނޑަކަށް 30 ކްރޯޑް ރުޕީސް (ގާތްގަނޑަށް ތިން މިލިއަން ޑޮލަރު) ހޭދަވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެ ހަރަދުތަކުގެ ތެރޭގައި ގޭގެ ކަރަންޓާއި ފެން ބިލުގެ އިތުރުން މަރާމާތާއި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމުގައިވާ އަލްޓަމައުންޓް ރޯޑްގައި ހުންނަ އެ އެންޓިލިއާގައި ސްވިމިން ޕޫލްތަކާއި ޕްރައިވެޓް ތިއޭޓަރެއް ވެސް ހިމެނެ އެވެ.

އެ ގެއަކީ އަމްބާނީ އާއިލާގެ ގިނަ ހަފްލާތަކެއް ވެސް ބޭއްވޭ ގެއެކެވެ. އެގޮތުން މިފަހުން އޮތް އަނަންތު އަމްބާނީގެ ކައިވެނީގެ ބައެއް ރަސްމިއްޔާތުތައް ވެސް އެގޭގައި އޮތެވެ.

ޖުމްލަ 91 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު މުކޭޝްއަކީ ދުނިޔޭގެ ހަތްވަނައަށް އެންމެ މުއްސަނދި މަހުޖަނު ކަމަށް ފޯބްސްއިން ފެބްރުއަރީ މަހު ނެރުނު ތަފާސް ހިސާބުތައް ދައްކަ އެވެ.