ހަސަން ތާޖުއްދީނޭ ބުނުމުން ދިވެއްސެއްނަމަ ފުރަތަމަ ވެސް ހިތަށް ވެރިވާނީ ތާރީޚެވެ. އެމަނިކުފާނަކީ ރާއްޖޭގެ ތާރީޚު އެންމެ ފުރަތަމަ ލިއުއްވި ބޭފުޅާ އެވެ. ރާއްޖެ އިސްލާމް ވީއްސުރެ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ހިނގި ހުރިހާ ކަމެއް ތާރީޚު ދީބާ މަހަލްގެ ނަމުގައި އެމަނިކުފާނު ލިއުއްވި ފޮތުގައި ވަނީ ލިޔެވިފަ އެވެ.
ތާރީޚް ލިއުއްވުމުގެ އިތުރުން ވެސް ތާޖުއްދީނަކީ ދިވެހި ގައުމަށް ވަރަށް އަގު ހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނު ރަސްމީ ގޮތުން އަދާ ކުރެއްވި ވަޒީފާއަކީ ގާޒީކަމެވެ. އެޒަމާނުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން ގާޒީންނަކީ ނުވަތަ ފަނޑިޔާރުންނަކީ ވަރަށް މުހިންމު ބައެކެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ގާޒީންގެ ދައުރަށް ބަލާއިރު އެމީހުންނަކީ ވަރަށް މިނިވަން މުސްތަގިއްލު ކަމާއެކު އަދުލު އިންސާފުގެ ކަންތައް ބެލެހެއްޓުމުގެ ބާރު ދައުލަތުން ދީފައި އޮންނަ ބައެއްކަން އެނގެ އެވެ.
ކަލާފާނުގެ ވެރިކަމުގައި ރާއްޖޭގައި އުޅުނު ޕިރާޑުގެ ވާހަކައިން ވެސް އެކަން ރަނގަޅަށް އެނގެ އެވެ. ހަމަ އެފަދައިން މޮރޮކޯގެ ދަތުރުވެރިޔާ އިބުނު ބަތޫތާގެގެ ދަތުރުނާމާއިން އެކަން ސާބިތުވެ އެވެ. އެހެން ނަމަވެސް ބައެއް ފަހަރު ރަސް ރަސްކަލުން ޚުދު މުޚުތާރުކަން އިސް ކުރައްވައި ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވާކަމީ ވެސް ތާރީޚުން ފެންނަން އޮތް ހަގީގަތެކެވެ.
ތާޖުއްދީންގެ އެންމެ އަގުހުރި ޚިދުމަތް ފެށިފައި ވަނީ ދެއްވަދޫ ރަސްގެފާނުގެ ޒަމާނުގަ އެވެ. އެ ރަސްގެފާނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅަކީ ވެސް ތާޖުއްދީނެވެ. ރަސްގެފާނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް ތާޖުއްދީނު ކުރެއްވި ޝަރުތަކީ އަދުލު އިންސާފުގެ ދާއިރާ އާއި ރަސްގެފާނު ބެހިވަޑައިނުގެންނެވުމުގެ ޝަރުތެވެ.
ދެއްވަދޫ ރަސްގެފާނާއި ހަސަން ތާޖުއްދީނާއި ދެމެދު ވެވިފައި އޮތް އެއްބަސްވުމުގެ ދަށުން ތާޖުއްދީނު ވެވަޑައިގެންނެވީ ވެރިކަމުގެ އާރާއި ބާރުހުރި ނުފޫޒު ގަދަ ބޭފުޅަކަށެވެ. ތާޖުއްދީނުގެ އިސް ނެންގެވުމުގެ ދަށުން އެ ދައުރުގައި ވަރަށް ގިނަ އާދަކާދަތައް ބަދަލުކުރައްވައި އެތައް ކަމެއް ރިފޯމް ކުރެއްވި އެވެ.
އިޝާ ނަމާދު ކުރުމުގެ ވަގުތު އަލުން އެކަށައެޅުއްވުމަކީ އޭގެ ތެރެއިން އެއް ކަމެވެ. ތާޖުއްދީންގެ ބެއްލެވުމުގެ ދަށުން އިޝާ ނަމާދުގެ ވަގުތުކަމުގައި ކަނޑައެޅުއްވީ އިރުއޮއްސުމަށް ފަހު އެއްގަޑި އިރާއި ވިހި މިނިޓަށެވެ. އޭގެ ކުރީގައި އެކަން އޮންނަގޮތަކީ އިރުއޮއްސި އެއްގަޑިއިރު ވުމުން އިޝާ ނަމާދު ކުރުމެވެ. އެކަން ބަދަލުކުރެއްވުމުގެ ކުރިން ތާޖުއްދީން ފިނި މޫސުމާއި ހޫނު މޫސުމުގައި އަތިރި މައްޗަށް ދަރަޖަ ފުޅި ހިއްޕަވައިގެން ވަޑައިގެން އެކަން މުޖައްރަބު ކުރެވިކަމުގައި ތާރީޚުގައި ލިޔެފައިވެ އެވެ. އެކަން އެގޮތަށް މުޖައްރަބު ކުރެއްވުމަށްފަހު ގަނޑުވަރު ތެރޭގައި ކިޔެވެނި ބޭކަލުންގެ އަށީގެ ކުރިމަތީގައި ހުންނަ ފޯކު އަށީގައި ފުޅި ބަހައްޓަވައި އިރުއޮއްސުމުން ފުޅި އަނބުރާލުމަށް އަމުރު ކުރެއްވި އެވެ.
އިޝާ ނަމާދުގެ ވަގުތު ތަރުތީބު ކުރެއްވުމުގެ އިތުރުން ތާޖުއްދީނު ކުރެއްވިކަމަކީ ހުކުރު ދުވަހުގެ މެންދުރުގެ ކުރީގައި މުންނާރުން ސަލަވާތް ގޮވާން ފެށްޓެވުމެވެ. މުންނާރުން ފުރަތަމަ ބަންގި ގޮވުން ތަރުތީބު ކުރެއްވީ ވެސް އެމަނިކުފާނެވެ. އެގޮތުން ފަތިސް ނަމާދުގެ ވަގުތު ވެސް ކަނޑައަޅުއްވައި ވަކި ގަޑިއެއް ހަމަޖެއްސެވި އެވެ. އެމަނިކުފާނު އެންގެވިކަމުގައި ވަނީ ފަޖުރުއްސާދިގު ފަޅައިލުމުގެ ކުރިން ދިހަ ދަރަޖައިގައި ފަތިސް ނަމާދުގެ ފުރަތަމަ ބަންގި ދިނުމަށެވެ. އޭގެ ފަހުން ފަޖުރުއްސާދިގުގެ އަލިކަން ފަޅައިލުމުން ދެވަނަ ބަންގި ދިނުމަށެވެ. އޭގެ ކުރިން ފަޖުރުލުމުގެ ކުރީން އެއް ސާއަތުގައި ބަންގި ގޮވައިގެން ނަމާދުކުރާ ކަމަށް ތާރީޚުގައި ލިޔެފައިވެ އެވެ.
ބަންގިގޮވުމާއި ނަމާދު ކުރުމުގެ ވަގުތުތައް ކަނޑައެޅުއްވުމުގެ އިތުރުން ބައެއް ކަހަލަ މުންކަރާތްތައް ވެސް ތާޖުއްދީނު، މަނާކުރައްވައި ހުއްޓުވި އެވެ. އެ ޒަމާނުގައި މާލޫދު ކިޔުމަށްޓަކައި ތައްޔާރުކުރާ ހަރުގެއަށް ކަށިމަލާއި އުނިމަލާއި ހީނާމާ ފަދަ މާމެލާމެއްޔާއި ކުންނާރާއި ކޮށާފައި ހުންނަ އުއްދަނޑިއާއި އަންނާރާއި ދޮންކޭލާއި ނިޔަނދުރާއި ތަތްބޮނޑިބަތާއި މިކަހަލަ އެތައް އެއްޗެއް އެއްކުރެ އެވެ. އެތަކެތި މާލޫދު ހަރުގޭގެ މެދުގައި ފުންޏަކަށް ޖަހާ އެތަކެތީގެ ވަށައިގެން އެންމެން ހޭލާ ތިބެތެވެ. މިއީ މުންކަރާތެއް ކަމުގައި ފަތުވާ ދެއްވައި އެކަން ވެސް މަނާ ކުރެއްވީ ހަސަން ތާޖުއްދީނެވެ.
ރާއްޖޭގެ ތާރީޚަށް އަގު ނުކުރެވޭފަދަ ޚިދުމަތެއް ކުރެއްވުމުގެ އިތުރުން ހަސަން ތާޖުއްދީނު ވަނީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ރާއްޖޭގެ ސިޔާސީ އުދަރެހުގައި ވެސް ތަފާތު ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކަށެވެ.