ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުހައްމަދު ވަހީދު މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 77 އަހަރުގައި މަޑުލު ވަހީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

މަޑުލު ވަހީދަށް ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަނީ ލިބިވަޑައިގެންފަ އެވެ. ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ވަހީދު އެންމެފަހުން އަދާކުރެއްވި މަގާމަކީ ލޭންގުއޭޖް އެންޑް ކަލްޗާ މިނިސްޓްރީގެ މުޝީރުކަމުގެ މަގާމެވެ.

މަޑުލު ވަހީދަށް ލިޔުންތެރިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، އިންޑިއާގައި ފުރިހަމަކުރެއްވި ކޯހަކާ ގުޅިގެންނެވެ. ކޯސް ފުރިހަމަކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން، ފުރަތަމަ ކުރެއްވި މަސައްކަތަކީ، ބޭރުގެ އެކިއެކި ޚަބަރުތައް، އެކިއެކި ރޭޑިއޯ ޗެނަލްތަކުން އައްސަވައިގެން އެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތެވެ. އެ މަސައްކަތް ފެށްޓެވީ 1973 ވަނަ އަހަރު އެވެ. އެ މަސައްކަތުގެ ތެރެއިން އޭރު ނުކުތް ދުވަހު ނޫސް [މޫންލައިޓް] އަށް ވެސް ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ ފުރުސަތު ލިބިވަޑައިގެން، އެ މަސައްކަތް ކުރައްވަމުން ގެންދެވި އެވެ.

މިގޮތަށް ވަހީދު މަސައްކަތް ކުރައްވަން ފެށްޓެވުން ހިމެނުނީ ބަހުގެ ހަމަތަކަށް ފައްތައިގެން އިބާރާތްތައް ރަނގަޅު ކުރެއްވުމަށް ވެސް ލިބިވަޑައިގެންނެވި ފުރުސަތަކަށެވެ. އޭރު ލިޔުއްވަން ޖެހިވަޑައިގެންނެވި ސަފުހާތަކުގެ އަދަދު ވަރަށް ގިނަ އެވެ. އެހެންނަމަވެސް، އެއްވެސް ވަރުބަލިވުމެއްނެތި މި މަސައްކަތް ކުރައްވަމުން ގެންދެވި އެވެ.

މަޑުލު ވަހީދު ވަނީ ދިވެހިރާއްޖެއާ ބެހޭގޮތުން އެޗްސީޕީ ބެލް އިނގިރޭސިބަހުން ލިޔުއްވި މޮނޮގްރާފް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ދިވެހިބަހުގެ އެކެޑަމީއާ ހަވާލުކުރައްވާފަ އެވެ.

މަޑުލު ވަހީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިސެންބަރު 17، 1966 ގަ އެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއް ތިޖާރާ (ށ)ގެ އިނގިރޭސި ކާތިބުކަމެވެ. ސަރުކާރުގެ ޚިދުމަތުގައި ވަޙީދު 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެ އެވެ. ފުރުއްވާފައިވާ އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ބޭރު ޚަބަރުލިޔާ ރިޕޯޓަރުކަމާއި، އެ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން، ނުރަސްމީ ތައުލީމުދޭ ބައިގެ މުދައްރިސް ކަމުގެ މަގާމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރުކަމުގެ މަގާމާއި، ޚާއްސަ މުޝީރުކަމުގެ މަގާމު ހިމެނެ އެވެ.

މަޑުލު ވަހީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިވެ އެވެ.