މާލޭގެ ހުކުރު މިސްކިތާއި މެދު ކުރީގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު ދެއްކެވި ވާހަކައަށް ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރައްދު ދެއްވައިފި އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ހުއްޓިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އާދަމް ނަސީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ވެސް އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
އަދި އާބާތުރަ ފިލުވުމަށް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ސަބަބުން މިސްކިތުގެ އަސްލު ގެއްލި، މިސްކިތާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
މިކަމާއި ގުޅިގެން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މަޝްރޫއުގެ ދަށުން ކުރެވުނު އަދި ކުރަން ރާވާފައިވާ ބައެއް ކަންކަން ހިއްސާކުރައްވައިފަ އެވެ.
އެގޮތުން ޔުމްނާ ވިދާޅުވީ މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ރައްކާތެރިކުރުމަށް، ނިމިދިޔަ ސަރުކާރުގައި، އިންޑިޔާގެ އޭ.އެސް އައި ޓީމާއި އެކު ހިންގި ޕްރޮޖެކްޓުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އޭގެތެރޭގައި:
- ހުކުރު މިސްކިތުގެ ޓެކްނިކަލް އެސެސްމެންޓް ހެދުން
- މިސްކިތުގެ ހަރިންމަ ތެރޭ ހުރި ގަސްތަކުގެ މޫތަކުން މިސްކިތް ސަލާމަތް ކުރުމަށްޓަކައި މޫތައް ބުރިކޮށް ކޮންކްރީޓް "ބެރިއާ" އެއް ލުން
- މިސްކިތުގެ ޤަބުރުސްތާނުގައި ހުރި ހިރިގަލު ޒިޔާރަތްތަކާއި މަހާނަ ގާތައް ސާފުކުރުން.
- މިސްކިތަށް ޤަވާއިދުން ކަތުރުފަނީގެ ޓްރީޓްމެންޓް ދިނުން.
- ސަގާފީ ތަރިކަ މަރުކަޒާއި ސްޓެލްކޯ އާ ގުޅިގެން ޤަވާއިދުން މުއްނާރު ސާފުކޮށް އުވަލުން.
- ހުކުރު މިސްކިތުގެ ލާގެއާއި އެތެރޭގެ ޓެކްނިކަލް އެސެސްމެންޓު ހަދައި ނިންމުން.
ކުރެވުނު ބައެއް ކަންކަން ހިއްސާ ކުރައްވަމުން ޔުމްނާ ވިދާޅުވީ ކޯވިޑުގެ ދަތި ހާލާއި އެކު، މަސައްކަތް އެކި ފަހަރު މަތިން ހުއްޓާލަން ޖެހުނު ނަމަވެސް ހުކުރު މިސްކިތު ޕްރޮޖެކްޓުގެ ދަށުން އިންޑިޔާއިން ޓީމުތައް ގެނެސް، އެސެސްމެންޓުތައް ހަދައި، މަޝްރޫޢަށް ބޭނުންވާ ތަކެތި މާލެ ގެނެސް، މިސްކިތުގެ ބޭރުގެ ހުރިހާ މަސައްކަތެއް ކުރެވުނު ކަމަށެވެ.
"މިސްކިތުގެ ލާގެއާ އެތެރޭގެ ޓެކްނިކަލް އެސެސްމެންޓު ނިންމައި ޢަމަލީ މަސައްކަތް ނުފެށެނީސް ސަރުކާރު ބަދަލުވީ. ސަރުކާރު ބަދަލުވިފަހުން ހުކުރު މިސްކިތުގެ މަޝްރޫޢު ހުއްޓި، އެއްވެސް މަސައްކަތެއް ނުހިނގާ. މިއީ ވަރަށް ހިތާމަވެރި ކަމެއް" ޔުމްނާ ވިދާޅުވި އެވެ.
ޔުމްނާ ވިދާޅުވީ މިސްކިތުގެ ލާގެއާއި އެތެރޭގެ އެސެސްމެންޓުނިމިފައި އޮވެމެ އެއްވެސް އަމަލީ މަސައްކަތެއް ނުުރެވޭތީ ހުކުރު މިސްކިތަށް ދަނީ ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބެމުން ކަމަށެވެ.