މިއީ ރައްޔިތުންގެ މަންފާއާއި ލާބައަށް ދެ ރިހާކުރު ފެކްޓަރީ ހިންގާ މޮޅު އަދި އެހާމެ ގާބިލު މަސައްކަތްތެރިއެއް. އޭނާ ދިރިއުޅޭ ރަށުގައި ހިލޭސާބަހަށް ގިނަ މަސައްކަތަކެއް ވެސް ކުރަމުން، ރިހާކުރު ވިއްކި ނަމަވެސް އޭނާއަކީ ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުމަށް ލޯބިކުރާ މީހެއް. އޭނާގެ އެހީތެރިކަމަށް ގޮވާލި ކޮންމެ ފަހަރަކު ވަނީ ވަރަށް ފުރިހަމައަށް އިޖާބަދީފައި. އިލްމުވެރި، ގާބިލް މި މަސައްކަތްތެރިއަކީ ނަމޫނާ ބައްޕައެއް. ޓީޗަރެއް. ހުށަހެޅުންތެރިއެއް. އިލްމާއި ތަޖުރިބާގެ އަލީގައި ރިހާކުރު ކައްކައި ވިއްކުމުގައި ހަރަކާތްތެރިވާ ކުޅަދާނަ ރައްޔިތުންގެ ޚާދިމެއް.

ފޭސްބުކް އިން ކިޔާލި ރީތި ލޯބީގެ ވާހަކުން ދިމާވި މި ކެރެކްޓާއަކީ ހަގީގީ ދިރިއުޅުމުގައި މީރު ރިހާކުރު އުފައްދާ ވިއްކާ މީހެއްކަން އެނގުމުން އެ ވާހަކަ ކިޔުންތެރިންނާ ހަމައަށް ގެންނަން މާގިނަ އުނދަގޫ މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. މެސެންޖާއިން ފޮނުވާލި މެސެޖަށް ޖަވާބުދިނީ "ރޮކެޓް ސްޕީޑުގަ" އެވެ.

ރީތި އިނގިރޭސި ބަހުން ލިބުނު ޖަވާބުން އޭނާއަކީ އިލްމްވެރި މީހެއްކަން ސާފުވި އެވެ. އަދި ރިހާކުރު ވިއްކުމުގެ މަސައްކަތަށް ދެވުނު ގޮތް ހިއްސާކޮށްލީ ވަރަށް ޝައުގުވެރި ވާހަކަތަކަކާއެކު އެވެ.

ފައިސަލް: ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަކީ އެންމެ އިސްކަންދޭ ކަންތައް

މ. ވޭވަށު އަބްދުﷲ ފައިސަލް (ފައިސަލް) އަކީ މުވައްޒަފުން ގޮވައިގެން މ. މުލަކުގަ އާއި އެ އަތޮޅުގެ ވޭވަށުގައި ރިހާކުރު ދެ ފެކްޓަރީއެއް ހިންގާ ކުޅަދާނަ މޮޅު ހިންގުންތެރިއެކެވެ. ވިޔަފާރިއެއް ކޮށްގެން ފައިދާއެއް ހޯދުމުގެ އެއްވެސް ވިސްނުމެއް ނެތި ކުރާ މި މަސައްކަތުގެ ބޭނުމަކީ މީހުންނަށް ޚިދުމަތެއް ދޭން އޭނާ ކުރާ މަސައްކަތެކެވެ. އޭނާ ސިފަކުރާގޮތުގައި އޭނާއަކީ "ބިޒްނަސް" ވިސްނުމެއް ނެތް މީހުންގެ ބޭނުތައް ފުއްދައިދިނުމަށް މަސައްކަތް ކުރާ މީހެކެވެ. ރައްޔިތުން ގޮވާލި ކޮންމެ ކަމެއް ކޮށްދިނުމަށް މަސައްކަތް ކުރާ ރައްޔިތުންގެ ޚާދިމެކެވެ.

ފައިސަލް ގާތް މަސްވެރިންތަކަކާއެކު: މަސްވެރިންނާއެކު މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް

ރިހާކުރު ވިއްކުމުގެ މަސައްކަތަށް ދިއުމުގެ ކުރިން އޭނާ ވަނީ ރައްޔިތުންގެ ހެވާ ލާބައަށް ގިނަ ޚިދުމަތްތަކެއް ކޮށްދީ އެތައް ބައެއްގެ ހިތްތަކަކުން ޖާގަ ކަށަވަރުކޮށްފަ އެވެ. އޭނާ ހިލޭސާބަހަށް ވޭވަށު އެކުވެރިންގެ ގުޅުމުގެ ރައީސްކަން ކުރި އެވެ. އެ ރަށުގެ މިއުޒިކް ބޭންޑްގެ ލީޑަރެއްގެ ހައިސިއްޔަތުން ހުށަހެޅުމުގައި ބައި ހަވާލުވެފައި ވަނީ އޭނާއާ އެވެ.

ފައިސަލްގެ ހުށަހެޅުން ރަނގަޅުކަމުން އޭނާއާ ނުލައި މިއުޒިކް ބޭންޑް އެއްވެސް ތަނެއްގައި ހުށަނޭޅޭ ވަރަށް އޭނާގެ މަސައްކަތް އެ ބޭންޑުން ވަނީ ބަލައިގެންފަ އެވެ.

"އޯޑިއަންސުން ކެކިއަރާ ގޮތަށް، ކުޑަ ބަހަކުން ބޮޑު މާނައެއް ނުކުންނަ ގޮތަށް، ހިންދީ ބަހުންނާއި ދިވެހި ބަހުން އަޅުގަނޑު ހުށަހަޅައިދެން،" ފައިސަލް ބުންޏެވެ.

ފައިސަލް ފުރަތަމަ ކިޔެވީ ވޭވަށުގެ އެދުރު ގެއަކުންނެވެ. އެތަނުން ދިރިއުޅުމަށް ކޮންމެހެން މުހިންމު އިލްމް ލިބިގަތެވެ. ގުރައާން، އިސްލާމް، ދިވެހި އަދި ދޭދޭ ގުޅުން ދެމެހެއްޓުމަށް މުހިންމު ދުރޫސުލް އަޚުލާގު ދަސްކުރި އެވެ. އެއްވެސް ސްކޫލަކަށް ނުދިޔަ ނަމަވެސް އޯލެވެލްއަށް ކިޔެވީ އަމިއްލައަށެވެ. އެއީ ކިޔެވުމުގެ މުހިންމުކަން ވިސްނިގެންނެވެ. އެއަށްފަހު މާލޭގެ ޓްރޭޑް މިނިސްޓްރީގެ ވަޒީފާގައި ހުއްޓައި ވޭވަށު ރައްޔިތުން އޭނާގެ ކިބައިން އެދުނީ އެރަށު ސްކޫލުގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެސްކޫލުގެ ވަގުތީ ޓީޗަރެއްގެ މަސައްކަތަށް އައުމަށެވެ.

ފައިސަލްގެ ދަރިންނާއެކު: ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަމެއް ދޭ

ވޭވަށު ރައްޔިތުންގެ އެދުމުގެ މަތިން އެއްވެސް ވަޒީފާގެ ތަމްރީނެއް ނެތި 1986 ގައި އޭނާ އެރަށު ސްކޫލްގެ ވަގުތީ ޓީޗަރުކަމާ އޭނާ ހަވާލުވި އެވެ. އޭގެ 4 އަހަރު ފަހުން، 1990 ގައި އޭނާ ވަނީ އައިޓީއީ (އިންސްޓިޓިއުޓް އޮފް ޓީޗާސް އެޑިއުކޭޝަން) ގައި ޓީޗިން ހަދައި އަދި އޭގެ ފަހުން މިޑްސްކޫލް ޓީޗިން ވެސް ފުރިހަމަކޮށް ޖެނެރަލް ސައިންސް އަދި ހިސާބު މާއްދާ ކިޔަވައިދިނުމަށް ޚާއްސަވެފަ އެވެ. ވޭވަށު ސްކޫލުގެ އިތުރުން އޭނާ ވަނީ ޅ. ނައިފަރު، މަދްރަސަތުލް އިފްތިތާހުގައި އާއި ކުރީގެ އަހުމަދިއްޔާ ސްކޫލުގައި ވެސް ކިޔަވައިދީފަ އެވެ. ސްކޫލް ޓީޗަރެއްގެ ގޮތުގައި ވަރަށް ފުރިހަމަ ޚިދުމަތެއް ކުރަމުން ގެންދަނިކޮށް އެ ވަޒީފާއިން ވަކިވެ، ފަހުން ދިރިއުޅުމަށް އެހެން މަސައްކަތެއް ޚިޔާރު ކުރަން ޖެހުނެވެ.

ކިޔަވައިދިނުމަށްޓަކައި ކަނޑު ހުރަސްކޮށް ދަރިން އުފުލި ހިތްވަރުގަދަ ބައްޕައެއް

ފައިސަލްއަކީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރާ ހީވާގި ބައްޕައެއް ވެސް މެއެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ބެލެނިވެރިއަކު، ނުވަތަ ބައްޕައަކު ކުދިންނަށް ތައުލީމު ދިނުމަށްޓަކައި މިހާތަނަށް ނުކުރާ ކަމެއް ފައިސަލް ކޮށްފައިވެ އެވެ. އެއީ ސްކޫލްގެ ހުއްދައާއެކު ބޮއްކުރާއެއްގައި ކޮންމެ ދުވަހަކު ވޭވަށު ސްކޫލުން މުލަކު ސްކޫލަށް އޭނާގެ ކުދިން ކަނޑު ހުރަސްކޮށް ގެންދިއުމެވެ.

ފައިސަލް ދަރިފުޅާ އެކު: ގާބިލް ކުދިންނަށް ހެދުމަށް މައިންބަފައިން ކުރާމަސައްކަތުގައި ދަރިން ބައިވެރިކުރުމަކީ މުހިންމު ކަމެއްކަމަށް ދެކޭ

އެ ބުރަ އުނދަގޫ އޭނާ އުފުލަން ބޭނުންވީ އޭނާގެ އަމިއްލަ ތަޖުރިބާއަށް ރިއާޔަތްކޮށް، ނުދަންނަ މީހުންނާއި އަމިއްލަ ދަރިން ހަވާލުކުރަން އޭނާއަށް އެއްބަސް ނުވެވޭތީ އެވެ.

"އެއްވެސް ދުވަހަކު ގަޑިނުޖެހި، ދޮށީ ދެދަރިން ސްކޫލަށް ގެންދިޔައިން 4 އަހަރު ވަންދެން. މޫސުން ރަނގަޅު ނޫނިއްޔާ އެ ކުދިންނާ އެކު މުލީގައި މަޑުކުރަނީ،" ފައިސަލް ކިޔައިދިނެވެ.

ދެހާސް ހަތަރުވަނަ އަހަރުގެ ސުނާމީ ކާރިސާ އަށްފަހު ވޭވަށުގެ ގެތައް ހަލާކުވުމާ ގުޅިގެން، އެރަށުގެ ރައްޔިތުން އޭނާ ކައިރިން އެ ގެތައް އެޅުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެދުނެވެ.

"ސޯޝަލް ވޯކާއެއް ވީމަ އޮންނާނީ ބަޔަކަށް ޚިދުމަތެއް ދިނުންތާ؟ ފަރުދެއްގެ ގޮތުން ތިމާއަށް ކޮންކަމެއްތޯ ކޮށްދެވޭނީ. މުޖުތަމައުއިން ތިމާ ބޭނުންވާ ކަމަކަށް ވުރެ މުޖުތަމައަށް ބޭނުންވާ ކަމެއް ތިމާ ކޮށްދިނީމައި އެ މުޖުތަމައު ތިމާ ފަހަތުން އުޅޭނެ ދެއްތޯ،" ފައިސަލް ބުންޏެވެ.

ދަރިފުޅާ އެކު: ދަރިން ބެލުމުގެ ކަންކަމުގައި ވެސް ފުރިހަމައަށް ހިއްސާވޭ

ސުނާމީގައި ހަލާކުވި ގެތައް މަރާމާތު ކުރުމާއި، ގެ އިމާރާތް ކުރުމުގެ މަސައްކަތް އޭނާ ވޭވަށު ރައްޔިތުންނާ އެކު ވަރަށް ބާރުލާފައި ފެށި އެވެ. ހަމަ އެއާއެކު ފައިސަލްގެ އަމިއްލަ ނަމުގައި ބިދޭސީން ގެނެސްގެން ވެސް މަސައްކަތް ކުރި އެވެ.

މަސްކިރަން ލުއިގޮތެއް ހަމަޖައްސައިދުނުން

ވޭވަށު ރައްޔިތުންގެ ކަންބޮޑުވުމެއް ކަމުގައިވި މަސްކިރުމުގެ މައްސަލައަށް ހައްލު ގެނައުމަށް، އޭނާގެ އިލްމާއި ވިސްނުމުގެ އެހީގައި ގިނަ ކަންތައްތަކެއް ކޮށްދިނެވެ. އެގޮތުން ކުރިން ދުރު ރަށް ރަށަށް މަސްކިރަން ދާން ޖެހުމުން، ރައްޔިތުންނަށް ޖެހިފައިވާ ބުރަ ލުއިކުރުމަށްޓަކައި އޭނާ ވިސްނީ އެ ރަށް ރަށަށް މަސްކިރަން ދިއުމުގެ ބަދަލުގައި ވޭވަށުގައި އެ މަސްތައް ކެއްކޭނެ ގޮތެއް ހެދުމަކީ ރައްޔިތުންނާށް މާބޮޑަށް ފައިދާވާނެ ކަމެއްގެ ގޮތުގަ އެވެ.

ފައިސަލް މ. މުލީއަށް ކުރި ދަތުރެއްގައި ފޭނުންނާއެކީ: އޭނާއަކީ ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގުޅޭ ހިތްހެޔޮ މީހެއް

އެގޮތުން 600 ކިލޯ މަސް ކައްކައިގެން ބޮޑު ފައިދާއެއް ވާނެ ކަމަށް އޭނާގެ އަމިއްލަ ހިސާބުތަކުން ދެއްކުމުން އެކަން އެގޮތަށް ކުރި އެވެ.

"ރާއްޖޭގެ އެއްވެސް ތާކުން ނުލިބޭނެ 100 ރުފިޔާއަށް ތިން ކިލޯ ވަޅޯ މަހެއް. ކޮންމެ ރަށަކަށް ގޮސް ފައިސަލްގެ ދޯނި ކައިރި ކޮށްލިއަސް އެ ރަށެއްގެ ރައްޔިތުންހެން އަންނާނެ އެއްޗެހި ގަންނަން،" ފައިސަލް ބުންޏެވެ.

ފައިސަލްގެ ވަރަށް ތަފާތު އެދުމެއް

ރިހާކުރަކީ އެއްވެސް އިލްމަކާ ނުލައި އެ މީހަކު ހިތުލަފަޔަށް ކައްކަމުން ފުޅިއަށް އަޅަމުން ބާޒާރުގައި އާއި ގޭގޭގައި ވިއްކަމުންދާ ދިވެހި ސަގާފީ އުފެއްދުމެކެވެ. ފައިސަލް ދެކޭ ގޮތުގައި ރިހާކުރު ތައްޔާރު ކުރުމަކީ އެހެން މީހުންނަށް ދަސްކޮށްދޭން ޖެހޭ އިލްމެކެވެ.

ފައިސަލް ތައްޔާރުކުރާ ރިހާކުރު: ރިހާކުރު ތައްޔާރުކުރުމަކީ ވެސް ދަސްކޮށްދޭން ޖެހޭ މުހިންމު އިލްމެއް

"އެއްވެސް ބަޔަކަށް މިހާތަނަކަށް އަދި ހޯދިފައެއް ނެތް ކަނޑުމަސް ޓަނެއްގައި ހުންނަނީ ކިތައް ފުޅި ރިހާކުރު ކަމެއް. އަޅުގަނޑުގެ އަމިއްލަ ހިސާބުތައް ބަލާފައި ޔަގީންކަމާއެކު ބުނެދޭން އެނގޭނެ ކަނޑުމަސް ޓަނެއްގައި ހުންނާނީ 105 ފުޅި ރިހާކުރު ކަން. ވީމާ ރިހާކުރު ފުޅިއެއް 250 ރުފިޔާއަށް އުޅޭއިރު ނިސްބަތުން އެ މަހަށް ވުރެ ރިހާކުރު ހަތަރު ގުނަ އަގުބޮޑު. އެހެންވެ ރާއްޖެއަށް ބާނާ މަހުން ރިހާކުރު ކޮޅު ނުނަގައި އެހެން އުފެއްދުންތައް އުފެއްދުމުގެ ބޭނުމަކީ ކޮބައިތޯ؟. އެއްކަލަ 105 ފުޅި ރިހާކުރު ނަގަން ރާއްޖޭގައި ބޭނުންކުރާ ފިއުލަކީ ހަމައެކަނި ދަރާއި ތެޔޮކަމުގައިވާއިރު،" އޭނާ ދެކޭގޮތް ހިއްސާކޮށްލި އެވެ.

ސާކް ގައުމުތަކުގެ އޮފިޝަލުންތަކެއް ރިހާކުރު ފެކްޓަރީއަށް ޒިޔާރަތް ކުރަނީ: ވަރަށް ކާމިޔާބު ކަމާއެކީ ދެ ރިހާކުރު ފެކްޓަރީ ހިންގާ

ފައިސަލް އަބަދުވެސް ބުނަމުން އަންނަނީ އޭނާއަކީ ފިޔަފާރި ކުރުމުގެ ޝައުގުވެރިކަމެއް ހުންނަ މީހެއް ނޫން ކަމަށެވެ. ހަމަ އެހެންމެ އޭނާ ދޭ ޚިދުމަތަކާ ދޭތެރޭ ބަޔަކު ހިތްހަމަނުޖެހިއްޖެ ނަމަ އެކަމާ ދެރަވާނެ މީހެއް ކަމެވެ. އޭނާ ފާހަގަ ވަނީ ރައްޔިތުންނަށް ޚިދުމަތެއް ދިނުމުގައި އަވަދިނެތި އުޅޭ، މީހުންގެ ބުރަ ލުއިކޮށްދިނުމަށް އޭނާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަބަލާއި ހުންނަ މީހެއްގެ ގޮތުގަ އެވެ.