މަޖީދީ މަގަށް އެއްވެއްޖެނަމަ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުއްދަ ނުހޯދާ އެއްވެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރެވޭ އިތުރު ތިން ސަރަހައްދެއް ހޯމް މިނިސްޓްރީން ކަނޑައަޅައި މިރޭ ވަނީ ގެޒެޓްކޮށްފަ އެވެ.

އެގޮތުން ހޯމް މިނިސްޓްރީން ކުރި އިއުލާންގައިވާގޮތުން ހެންވޭރު ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދާއި އުސްފަސްގަނޑު ސަރަހައްދުގައި ކުރިން ހުއްދަ ނުނަގައި މިހާރު މުޒާހަރާ ކުރެވޭނެ ކަމަށެވެ.

އެފަދައިން ކަނޑައެޅީ މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށް އެ އިއުލާނުގައިވެ އެވެ.

ނަމަވެސް ހޯމް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގެ މަގުތަކުގައި ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ދުވަސްވެރެއްގައިކަން ފާހަގަކޮށްލެވެ އެވެ. އެހެންކަމުން ސަރުކާރުން ގެންދަނީ އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށް މަސައްކަތްކުރަމުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރޭ ޒުވާނުން ސުލްހަވެރިކަމާއެކު ކުރި މުޒާހަރާއަށް ފުލުހުން ވަދެގަނެ ބާރުގެ ބޭނުންކޮށް ވަރަށް އަނިޔާވެރިކޮށް ބައެއް ޒުވާނުން ވަނީ ހައްޔަރުކޮށްފަ އެވެ. ޒުވާނުންގެ ފަރާތުން މިރޭވެސް މުޒާހަރާ ބާއްވާނެކަމަށް ވަނީ އިއުލާންކޮށްފަ އެވެ.