ރައީސް ޑރ. މުހައްމަދު މުއިއްޒު އާ މިފަހުން ބައްދަލުކުރެއްވި ކަމަށް ބުނާ ސައޫދީ އަރަބިއްޔާގެ "އަމީރު" އަކީ އެ ގައުމުގެ ޝާހީ ޚާންދާނުގެ މެންބަރެއްތޯ ނުބަލައި ރައީސް އޮފީހުން ހަބަރު ޝާއިއުކުރުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ޑރ. އަހުމަދު އެކްސްގައި ވިދާޅުވެފައިވަނީ، ސައޫދީ އަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވާ އަމީރުންނަށް ދެވޭ ލަގަބުތަކަކީ ވަރަށް ހާއްސަ އެއްޗެހި ކަމަށާއި، ރައީސް އޮފީހުން ޝާއިޢުކޮށްފައިވާ ޚަބަރުގައި ބުނާ ފަރާތަކީ ހަގީގަތުގައި ވެސް ސީދާ ކިންގް އަބްދުލް އަޒީޒުގެ ދަރިފަސްކޮޅަށް ނިސްބަތްވާ އަމީރެއްތޯ ބެލުމެއް ނެތި މިފަދަ ޚަބަރެއް ރައީސް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުގައި ޝާއިއު ކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
ރައީސް އޮފީހުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި، ރައީސް މުއިއްޒު އާ ބައްދަލުކުރެއްވި ފަރާތް ކަމަށް ބުނެފައިވަނީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން" އެވެ. ނަމަވެސް، ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ، ފެންނަން ހުރި ހުރިހާ ދަލީލުތަކާއި މަޢުލޫމާތުތަކުން އެ ފަރާތަކީ ސައުދީ ޝާހީ ޚާންދާނަށް ނިސްބަތްވާ ފަރާތެއްކަން އެނގެން ނެތް ކަމަށެވެ.
ޑރ. އަހުމަދު އިތުރަށް ވިދާޅުވެފައިވަނީ، ސައޫދީ އަރަބިއްޔާގައި އައިޑެންޓިޓީ އޮޅުވައިގެން އުޅުމަކީ ހަރުކަށި އަދަބު ކަނޑައެޅިފައިވާ ގާނޫނީ ކުށެއް ކަމަށް ވާތީ، އެ ފަރާތަކީ ސައޫދީ ރައްޔިތެއް ނަމަ، އަމިއްލައަށް ޝާހީ ޚާންދާނަށް ނިސްބަތްވާ އަމީރެއް ކަމަށް ދައުވާކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުން މިހާތަނަށް ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ކިޔަމުން ގެންދާ ފާޑިކިޔުންތަކަށް ޖަވާބުދާރީވުމަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.