ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ވިލަރެސްވެރިން ހޯދަން ކުރި އިއުލާން ބާތިލްކޮށްފި އެވެ.

ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 18, ގައި އުފެއްދެވި އިދާރާއަށް 30,000ރ. ގެ މުސާރާގައި 10 ވިލަރެސްވެރިންގެ ވަޒީފާއަށް މީހުން ނެގުމަށް އިއުލާން ކުރީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.

ވިލަރެސްވެރިންނަށް މުސާރައިގެ ގޮތުގައި 25,000ރ. ކަނޑައަޅާފައިވާއިރު އެލަވަންސްގެ ގޮތުގައި 5,000ރ. ލިބޭނެ އެވެ. އިތުރު އެލަވަންސަކަށް ހިމަނާފައި ވަނީ ހަމައެކަނި ރޯދަ އެލަވަންސެވެ. މިއީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓް މަގާމެކެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ އެ މަގާމުގެ ޝަރުތު ހަމަޖައްސާފައި އޮތްގޮތުންނެވެ. ބެޗްލާސް ޑިގްރީއެއް ނެތްނަމަ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔާ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ހިމަނާފައިވެ އެވެ.

މި ސަރުކާރުން އަންނަނީ އެކި ނަންނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރާ އެކި ފަރާތްތަކަށް ވަޒީފާ ދެމުންނެވެ.