"ވަޑައިގަންނަވާށޭ ކްލާހަށް އަސާސީ، ފިލާވަޅު ކިޔާ ދެއްވުމަށް ނަންގަވާ" އެއީ މަރުހޫމް އަބްދުﷲ ހަސަންގެ މަޝްހޫރު ލަވައެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ހިންގަވަން ފެށްޓެވި ބޮޑު މަޝްރޫއު ކަމަށްވާ އަސާސީ ތައުލީމުގެ މަޝްރޫއާ ގުޅޭ އެތައް ލަވައެއްގެ ތެރެއިން އެންމެ މަޝްހޫރު ލަވަ އެވެ. އަސާސީ ތައުލީމުގެ މަޝްރޫއަކީ ރާއްޖޭގެ ރައީސް ކަމާ ހަވާލު ވެވަޑައިގެންނެވުމަށް ފަހު އެންމެ އިސް ކަމެއް ދެއްވައިގެން ރައީސް މައުމޫން ފެށްޓެވި މަޝްރޫއު އެވެ. ބޭނުމަކީ ރާއްޖޭގެ އާބާދީއަކީ ލިޔެ ކިޔަން ދަންނަ އާބާދީއަކަށް ހެއްދެވުމެވެ.

އޭރު ރާއްޖޭގެ އާބާދީގައި ލިޔެކިޔަން އެނގޭ މީހުންގެ ނިސްބަތް ވަރަށް ދަށެވެ. ރަށުން ބޭރުގައި ހުންނަ ފިރިމީހާއަށް ފޮނުވަން ސިޓީއެއް ލިޔުއްވަން ދާން ޖެހިފައި އޮންނަނީ އެ ރަށެގައި ހުރި ލިޔެ ކިޔަން އެނގޭ ކޮންމެ ވެސް މީހެއްގެ ކައިރިއަށެވެ. އެއީ ނިސްބަތުން މަދު ބައެކެވެ. އެ ހާލަތު ބަދަލުވީ ރައީސް މައުމޫނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ހިންގެވި އަސަސީ ތައުލީމުގެ މަޝްރޫއާއި މުޅި ރާއްޖެއަށް ފުޅާވެގެން ދިޔަ ފަށާ ތައުލީމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މި އަހަރާ ހަމަޔަށް އައިއިރު ރާއްޖޭގެ ލިޔެ ކިޔަން ދަތުމުގެ ދަރަޖަ އުޅެނީ %98 އަކަށް ވުރެ މަތީގަ އެވެ. އެއީ ދެކުނު އޭޝިޔާގެ އެއްވަނަ އެވެ.

ތައުލީމީ ގޮތުން ރާއްޖޭގެ އާބާދީއަށް ލިބުނު ކުރިއެރުމާއެކު ގައުމު ތަރައްގީވެގެން އައިއިރު މުހިންމު އެއްކަމަކަށް ސަމާލުކަން ނުދެވި އަތުން ދޫވެފައި އޮތް ކަމަށް ފާހަގަވެ އެވެ. އެއީ ގައުމުގެ ބަހެވެ.

"މެހުމާނެއްގެ ގޮތުގައި ވަޒީރަކު ބައިވެރިވެ ވަޑައިގެންނެވި ޓީވީ ޕްރޮގްރާމެއް ބަލަން މިއަދު އިންދައި، އެ ވަޒީރު ވިދާޅުވި އަޑުއިވުނެވެ. ތި ދެންނެވި ފަދައިންނެވެ. އެ ހިސާބުން އަހަރެން ޓީވީއާ ދުރަށް ޖެހިލައިފީމެވެ. ލަދުންނެވެ. ރާއްޖޭގެ ވަޒީރުލް މައާރިފު ވިއްޔާއެވެ."

ރަސްމީ ޕްރޮގްރާމެއްގައި މިނިސްޓަރެއްގެ ބަސްމަގު ގެންގުޅުއްވި ގޮތާ މެދު ރާއްޖޭގެ މަޝްހޫރު ލިއުންތެރިއަކު އޭނާގެ ފޭސްބުކްގައި ފާޅުކުރި ޚިޔާލެކެވެ.

އެ ޚިޔާލަށް ބަލާއިރު ލިޔުންތެރިޔާ ޓީވީއާ ދުރަށް ޖެހިލީ ލަދުންނެވެ. ލަދު ގަންނަން ޖެހޭ ސަބަބާމެދު ވިސްނާލާއިރު އެ ސަބަބަކީ ގައުމުގެ އެންމެ އިސް މަގާމުގައި ތިއްބެވި ބޭބޭފުޅުންނަށް ރީތި ބަހުން މުޚާތަބު ކުރައްވަން އެނގިވަޑައިނުގަންނަވާތީ އެވެ. މި ހިތާމަވެރި ހާލަތުގައި އަޑުއަހާ މީހުން ލަދުގަތް ކަމަށް ވިޔަސް ވާހަކަ ދެއްކެވި އިއްޒަތްތެރި މިނިސްޓަރަކަށް މައްސަލައެއް ނެތެވެ. އެ މިނިސްޓަރަކީ ކޮންމެހެން ލަދު ކުޑަ ބޭފުޅަކަށް ވެގެންނެއް ނޫނެވެ. އެހެން ނަމަވެސް އެ ހާލަތުގައި ވާނުވާ އެނގިވަޑައިނުގަންނަވާތީ ލަދުގެ ކަންފުޅެއް ހިތްޕުޅަށް ތަސައްވަރު ނުވަނީ އެވެ.

މިއީ މިއަދު ދިވެހި މުޖުތަމައުގައި ކަން ހުރި ގޮތެވެ. ރައީސުލް ޖުމުހޫރިއްޔާއިން ފެށިގެން ދައުލަތުގެ އެންމެ އިސް މަގާމުތަކުގައި ތިއްބަވާ ބޭބޭފުޅުންނަށް ވާހަކަ ދެއްކުމުގެ ދަރަޖަ ހިފަހައްޓަވަން އެނގިވަޑައިނުގެން މޮޑެފައި އޮންނަ މަސްހުނި ގަނޑެއްހެން ވާހަކަ ދައްކަވާ އަޑު އިވުމަކީ މިހާރު އާންމު ކަމެކެވެ. މީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އުޅުއްވަނީ ދެތިން ދަރަޖަ ކުރީގަ އެވެ.

ސުވާލަކީ މިކަމަށް އޮތް ހައްލަކީ ކޮބައިތޯ އެވެ. މައްސަލައިގެ ހައްލު ހޯދުމަށްޓަކައި އެ މައްސަލަ އުފެދުނު ސަބަބު ހޯދަން ޖެހެ އެވެ.

ޒަމާނުއްސުރެ އާދަކާދައިގެ ގޮތުން ބަލާއިރު ރާއްޖޭގައި ސަރުކާރުގެ މަތީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީސް ފަދަ އިދާރާތަކުގައި ތިއްބަވާނީ އެތައް ދުވަހަކު ވަޒީފާގައި އުޅެ، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެފަދަ ބޭބޭފުޅުންނަށް ރީތި ބަހުރުވައިން ވާހަކަ ދައްވަން އެނގި ވަޑައިގަންނަވާނެ އެވެ. ޓީވީއާއި ރޭޑީއޯ ސްޓޭޝަންތަކުގައި ވެސް އުޅުއްވާނީ އެފަދަ ބޭބޭފުޅުންނެވެ. އެހެންކަމުން މުޖުތަމައުގެ މަތީ ފަންތީގެ ބޭބޭފުޅުންގެ ވާހަކަފުޅު އާންމުންނަށް ފެންނާނީ ނަމޫނާއެއްގެ ގޮތުގަ އެވެ.

މިފަދަ ގޮތަކަށް އޮތް މުޖުތަމައަކަށް ކުއްލިއަކަށް އައި ބަދަލުގައި ސަރުކާރުގައި ދުވަހަކު ނޫޅޭ އެތައް ބައެއްގެ އަތް މައްޗަށް ސަރުކާރުގެ އެންމެ އިސް މަގާމުތައް އެރުމުން އެ މީހުންނަށް މުޖުތަމައުގެ ރަސްމީ އުސޫލުން ވާހަކަ ދައްކަން ނޭނގުމަކީ މައްސަލައިގެ އަސްލެވެ. އެ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބަށް ބަލާއިރު ރައީސް މައުމޫނުގެ ވެރިކަމުގައި ގެނައި އަސާސީ ތައުލީމުގެ ދެވަނަ ބައެއް ގެންނަން ޖެހިފައިވާ ކަމަށް ފެނެ އެވެ. ސަރުކާރުގެ ވެރިންނަށް ރީތި ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނުމަކީ އެފަދަ މަޝްރޫއަކުން ނޫނީ ހާސިލުވާން ޖެހިފައިވާ މަގުސަދެވެ. އެފަދަ ޕްރޮގްރާމެއް ލަސް ނުކޮށް ހިންގަން ޖެހެ އެވެ. އެހެން ނޫންނަމަ ގައުމުގެ ވެރިންގެ ބަސްމަގު ހުންނަ ގޮތުގެ ސަބަބުން ދިވެހި ބަހަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ އެވެ.