ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަގުތުން ފެށުމަށް ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރަޝިއާގެ ރައީސް ވްލަދްމިރް ޕުޓިން އާއެކު ފޯނު މެދުވެރިކޮށް ކުރިއަށްދިޔަ 2 ގަޑިއިރުގެ މަޝްވަރާތަކަށްފަހު ޓްރަމްޕް ވިދާޅުވީ އެ ސަރަހައްދުގައި އަމާންކަން ގާއިމުކުރުމާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަދެކެވޭނެ ކަމަށެވެ.
ޓްރަމްޕް މިހެން ބުނިއިރު، މީގެ ކުރިން ޔޫކްރެއިން ގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާ ބައްދަލުކުރުމަށްފަހު ރަޝިއާ އާއި ޔޫކްރެއިން އިން ހަނގުރާމަ ހުއްޓާލާނެ ކަމުގެ އެއްބަސްވުމެއް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރަޝިއާ އާއި އެކު ސުލްހަ ގާއިމުކުރުމުގެ މެމޮރެންޑަމެއްގައި ސޮއިކުރަން ތައްޔާރަށް ހުރި ކަމަށެވެ. ޕުޓިން މިފަދައިން ވިދާޅުވުމާއެކު ޒެލެންސްކީ ވަނީ މިއީ މުހިންމު ދަނޑިވަޅެއް ކަމަށާއި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުން އެމެރިކާ ވަކިނުވުމަށް އެދިވަޑައިގެންފަ އެވެ.
އޭނާ މިހެން ވިދާޅުވެފައިމިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ދެގައުމުންވެސް އެކަށޭނަ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ އެއްބަސްވުމުގެ މަޝްވަރާތަކުން އެމެރިކާ ވަކިވާނެކަމަށް ޓްރަމްޕް ބުނުމާ ގުޅިގެންނެވެ.
ޒެލެންސްކީ ވިދާޅުވީ ޕުޓިން ހާމަކުރެއްވި "މެމޮރެންޑަމް" ގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ. އަދި ރަޝިއާއިން އެކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުން ޔޫކްރެއިންއަށް ވެސް ފައިދާވާނެހެން ރަޝިއާ އާއިއެކު އެއްބަސްވުމަކަށް އައުމަށް ތައްޔާރުވާނެ ކަމަށް ވެސް ޒެލެންސްކީ ވަނީ ބުނެފަ އެވެ.
މިއާއެކު ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ޒެލެންސްކީ ގޮވާލައްވާފައިވާއިރު، މިކަމަށް ރަޝިއާއިން ތައްޔާރު ނޫންނަމަ މިހާރަށްވުރެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.