މާލެ ސަރަހައްދުން ކަރަންޓު ކެނޑުނުތާ ހަތަރު ގަޑިއެއްހާއިރު ފަހުން، މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފި އެވެ.
ކަރަންޓު ނެތިގެން ގިނަ ބަޔަކު ޝަކުވާކުރަމުން ދަނިކޮށް ސްޓެލްކޯއިން ބުނި ގޮތުގައި މިހާރު ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ކަރަންޓު ދީފަ އެވެ.
އެ ކުންފުނިން ބުނީ މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑެން ދިމާވި މައްސަލަ ހައްލުކުރަމުން އަންނައިރު ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހެންވޭރުގެ ބައެއް ސަރަހައްދުތައް ހިމެނޭ ކަމަށާއި ލަސްނުވެ ކަރަންޓް މައްސަލަ ހައްލުވާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ނަމަވެސް ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އެ ކުންފުނިން ނުބުނެ އެވެ.
މިއަދު މެންދުރު އެންމެ ހޫނުގަދަވި ގަޑީގައި މުޅި މާލެ އާއި ހުޅުމާލެ އަދި ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ކަރަންޓު ކެނޑިފަ އެވެ. މިކަމާ ގުޅިގެން އެތައް ހާސް ބަޔަކަށް ވަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފަ އެވެ.
މާލެއާއި ހުޅުމާލެ ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ 12:30 ހާއިރު އެވެ. އަދި ހުޅުލޭ އެއާޕޯޓުން ވެސް ކަރަންޓު ކެނޑިފައިވެ އެވެ. ކަރަންޓު ދިއުމާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ވެސް ހުއްޓާލާފައިވެ އެވެ.
މުޅި މާލެއިން ކަރަންޓު ކެނޑުނުއިރު ސްޓެލްކޯގެ ޖަނަރޭޓަރުތައް މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެތައް މައްސަލައެއް ފަހަކަށް އައިސް ދިމާވަމުންދެ އެވެ. ނަމަވެސް މިކަމަށް ސްޓެލްކޯގެ މެނޭޖްމަންޓުން މާބޮޑު ސަމާލުކަމެއް ނުދެ އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ މިއަދު މި މައްސަލަ ދިމާވިއިރު ވެސް އިންޖީނަކުން ތެޔޮ ލީކުވުމުގެ މައްސަލައެއް ދިމާވާތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވާ ކަމަށެވެ.
"މި މައްސަލަ ދިމާވީ ސީދާ އެކަމާ ހެދި ދަންނަވާކަށް ނޭނގެ. އެކަމަކު މިހާރު މި އިންޖީނުތައް ހިންގަނީ ވަގުތީ ހައްލު ގެނެސްގެން،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ފަހަކަށް އައިސް ސްޓެލްކޯގެ އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުކުރެވި ކަރަންޓު ކެނޑެނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ ނާގާބިލް ލީޑަޝިޕްގެ ސަބަބުން ކަމަށެވެ.