ކޮލިގޭ އަލީ އުމަރު މަނިކު، ނުވަތަ ކޮލި އަލި މަނިކަކީ ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް، އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދައުލަތުގެ މުހިންމު މަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. ނާސިރުގެ ސަރުކާރުން ރާއްޖެއަށް ހޯދައި ދިންނަމަ ދިން ކުރިއެރުމަކާއި ތަރައްގީގެ ހުރިހާ މަޝްރޫއެއްގައި އަލި މަނިކުގެ ބައިވެރިވުން އޮތެވެ.
އަލި މަނިކު ވަނީ ރާއްޖޭގެ ނައިބު ރައީސްކަން ވެސް ކުރައްވާފަ އެވެ. އާދައިގެ ވަޒީފާއަކުން ރައީސް ނާސިރުގެ ނައިބަކަށް އަލި މަނިކު ވަޑައިގެންނެވިއިރު އަލި މަނިކަކީ ނާސިރާ އާއިލީ ގުޅުމެއް ހުރި މީހެއް ނޫނެވެ. އަދި ވަކި ނުފޫޒެއް ނުވަތަ ބާރެއް އޮވެގެން ވަޒީފާގެ ކުރި އެރުން ލިބުނު މީހެއް ވެސް ނޫނެވެ.
"1958 ވަނަ އަހަރު، އެއްދުވަހަކު ގާތްގަނޑަކަށް ހަވީރު 5.30 އެހައިކަށްހާއިރު އަޅުގަނޑު ސަފީރު އޮފީހަށް ވަދެލީމެވެ. ވަޔަރލެސް އޮފިސަރު އެއިރު އެތާ ހުއްޓެވެ. އޭނާ ގާތު ކަންތައް ކިހިނެއްތޯ އަހާލީމެވެ. އަޅުގަނޑު ގާތު އޭނާ ބުނީ ޓްރޭޑް ކޮމިޝަނާ ގާތަށް އޮތް އަވަސް މެސެޖެއް އެބައޮތް ކަމަށެވެ."
މި އިބާރަތަކީ އޭރު ލަންކާގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޓްރޭޑް ސެންޓަރުގެ ޓްރޭނީއެއްގެ މަގާމުގައި އޭރު ހުރި ކޮލިގޭ އަލީ އުމަރު މަނިކު "އަޅުގަނޑުގެ ދުވަހު ފޮތު" ގައި ލިޔުއްވާފައި އޮތް އިބާރާތް ކޮޅެކެވެ. އެ ވާހަކަ ލިޔުއްވާފައި އޮތީ އޭނާގެ ވަޒީފާގެ ހަޔާތުގެ ކާމިޔާބީތައް ފެށިގެން އައި ގޮތާ ބެހޭ ގޮތުންނެވެ. އަލި މަނިކު ގާތު ވަޔަލެސް އޮފިސަރު ބުނި އަވަސް މެސެޖަކީ މައުލޫމާތު ކޮޅެއް ހޯއްދެވުމަށް ރައީސް ނާސިރު ފޮނުއްވި މެސެޖެކެވެ.
ވަޔަލެސް އޮފިސަރު ބުނި ގޮތުގައި އެ މެސެޖްގެ ވާހަކަ މާލެއިން އިރުއިރުކޮޅާ ހަނދާންކޮށް ދިންކަމުގައި ވިޔަސް، އޭރު ޓްރޭޑް ކޮމިޝަނަރު ގެއަށް ހިނގައްޖެ އެވެ. އެހެން ކަމުން އެ މައުލޫމާތު ހޯދޭނެ ގޮތެއް ނެތެވެ. އަލި މަނިކު ލިއުއްވާފައިވާ ގޮގައި އެ ވަގުތު ރޭޑިއޯޓެލެފޯނަށް އަޑު އަ އެވެ. މާލޭ ކޮޅުން ސުވާލު ކުރެއްވީ ސީދާ ރައީސް ނާސިރެވެ. ނާސިރަށް އޮޕަރޭޓަރު ދެއްވި ޖަވާބަކީ ޓްރޭޑް ކޮމިޝަނަރު ގެއަށް ހިނގައްޖެ ކަމަށާއި އެތަނުގައި އަލި މަނިކު ހުންނެވި ކަމަށެވެ. ނާސިރު އަލި މަނިކު ކުރެން އެއްސެވީ ބޭނުންވެގެން އުޅުއްވާ މައުލޫމާތު ހޯދައި ދެވިދާނެތޯ އެވެ. އަލި މަނިކު އާދޭހޭ ވިދާޅުވުމުން ނާސިރު އެންގެވީ އެކަން ކޮށްދިނުމަށެވެ.
ނާސިރަށް ލަންކާއިން ބޭނުންފުޅުވީ ކޮންމެވެސް އެއްޗެހިތަކެއްގެ އަގު ހޯއްދެވުމަށެވެ. އަލި މަނިކު އެކަން ކުޑަހިނދުކޮޅެއްގެ ތެރޭގައި ކުރެއްވުމަށްފަހު ޖަވާބު ފޮނުއްވި އެވެ. އޭގެ ފަހުން ލަންކާއިން ބޭނުންފުޅުވާ އެބާވަތުގެ މައުލޫމާތު ހޯއްދެވުމަށް ނާސިރު ފޮނުއްވާ ވަޔަލެސް އެޑްރެސް ކުރައްވަނީ އަލި މަނިކަށެވެ. ޓްރޭޑް ކޮމިޝަނަރަކަށް ނޫނެވެ. އެ ހަވާލުކުރައްވާ މަސައްކަތް އަވަސްކަމާއެކު އަލި މަނިކު ފުރިހަމަ ކުރައްވަ އެވެ. ނަތީޖާއަކަށްވީ އަލި މަނިކުގެ ޒިންމާ ދުވަހެއް ދުވަހަކަށް ބޮޑުވަމުން ގޮސް ރާއްޖޭގެ ނައިބު ރައީސްގެ ދަރަޖަޔަށް އުފުލިގެން ދިއުމެވެ. އާއިލީ ގުޅުމެއް ނުވަތަ ނުފޫޒެއް ނުވަތަ ފައިސާގެ ބާރެއް ފޯރުމެއް ނެތި އެވެ. ނާސިރަށް މުހިންމުވީ މީހާގެ ގާބިލުކަމާއި ހުޝިޔާރު ކަމެވެ.
ނާސިރަކީ ދިވެހި ރާއްޖޭގެ ސިޔާސީ ހަޔާތުގެ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ގައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ބޭފުޅެކެވެ. އަތިރީގެއާއި ކަކާގޭގެ މެދުގައި އޮތް ސިޔާސީ ކޯޅުމާ ހެދި ރާއްޖޭގެ ތަރައްގީވާނެ މަގެއް ނުފެނި އޮތުމުގެ އިތުރުން ރާއްޖޭގެ މިނިވަންކަން ވެސް އޮތީ ގެއްލިފަ އެވެ. އެތެރެއާއި ބޭރުގައި ވެސް އޮތީ އިނގިރޭސިންގެ ނުފޫޒެވެ. ވެރިކަމަކީ އާއިލީ ތަރިކަ މުދަލެކެވެ. ލިބޭ އެއްޗެއް ޚަރަދު ކުރަނީ އެ ވަގުތަކު ހުންނެވި ވެރިޔަކަށް ފެނިވަޑައިގެންނެވި ގޮތަކަށެވެ.
ވެރިކަމަށް އިސްވެ ވަޑައިގެންނެވުމަށްފަހު ނާސިރުގެ ވިސްނުންފުޅު ގެންގުޅުއްވީ ރާއްޖޭގައި އޮތް ބޯދާ ވެރިކަމުގެ ނިޒާމު ޒަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށެވެ. އެ ކަމަކީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކުގައި ނޫނީ ނުވާނެ ކަމެއްކަން ނާސިރަށް އެނގިވަޑައިގެންނެވި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރައްވައި އިގްތިސާދީ ގޮތުންނާއި ޚާރިޖީ ގުޅުންތަކުގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވުމަށެވެ. އެކަމަށްޓަކައި ނާސިރު ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްޕުޅަކީ ފަސޭހަ މަސައްކަތްޕުޅެއް ނޫންކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވި އެވެ.
ބޭނުންފުޅުވި ލަނޑުދަނޑި ހާސިލުކުރައްވައި ދިވެހި ގައުމަށް އިގުތިސާދީ ގޮތުން ހަމަޖެހުން ގެނެސް ދެއްވުމަށްޓަކައި ނާސިރު ބޭނުންކުރެއްވީ ރާއްޖޭގައި އޭރު ތިއްބެވި އެންމެ ގާބިލު މީހުންނެވެ. ވަޒީފާތަކަށް ނެންގެވީ އިލްމާއި ތަޖުރިބާ އާއި ހުނަރުވެރިކަމުގެ ގޮތުން އެންމެ އިސް މީހުންނެވެ. ނަތީޖާއެއްގެ ގޮތުން ރައީސްކަމުގެ ދެ އަހަރު ނިންމަވައި، ނާސިރު އިސްތިއުފާ ދެއްވިއިރު ދިވެހިރާޢްޖެ އޮތީ މިނިވަން ގައުމަކަށްވެ، އިގުތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވާން ބޭނުންވާނެ ބިންގާ އެޅިފައި އޮތް ގައުމަކަށްވެފަ އެވެ.
ނާސިރު ރާއްޖޭގެ އިޤްތިޞާދު ދިވެހިންނަށް ފާއިދާވާގޮތަށް ބަދަލުކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، ވޯރާއިންގެ ވަކިތަކުން ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރެވި ބައި ހިމަނުއްވާލެއްވިނަމަ ވަރަށް ފުރިހަމަވީސް ، އަދި ސުރުޚީގައި ލިޔުއްވާފައިވާ ގޮތަށް މަގާމް ދެއްވި ދެތިން ބޭފުޅެއްގެ ނަންފުޅާ އެމަގާމްތައް ލިޔުއްވިނަމަ ކިޔާމީހުނަށްވެސް އިތުރު މަޢްލޫމާތެއް ލިބުނީސް!، މިތަނުގައި މިވަނީ ޢަލީމަނިކުގެ ވާހަކައެކަނި ދެއްތޯ؟
ރިޕްލައި