ރާއްޖޭގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކޮވިޑް-19ގެ 107 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ޖޫން މަހުގެ ފުރަތަމަ ދުވަހާ ހަމައަށް 62 ކޭހެއް ވަނީ ރިޕޯޓުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނައަށް ވުރެ އިތުރު އަދަދެކެވެ.

ކޮވިޑްގެ އިތުރުން، އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ވެސް މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ. ނަމަވެސް ޑެންގީ ހުމުގެ ކޭސްތައް ވަނީ ދަށްވެފައި ކަމަށް އެ އެޖެންސީން ބުނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ކޮވިޑާއި އިންފްލުއެންޒާގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކުރަނީ މާލެ ސަރަހައްދުންނެވެ. އޭގެ އިތުރުން، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.