މިއަދު ވެއްޓުނު އެއާ އިންޑިއާ މަތިންދާ ބޯޓު، ނައްޓާލިތާ 30 ސިކުންތު ތެރޭގައި ބާރުގަދަ އަޑަކާއެކު ވެއްޓުނީ ކަމަށް އެ ބޯޓުން ސަލާމަތްވި ހަމައެކަނި މީހާ ކަމަށްވާ އިނގެރޭސިވިލާތައް ނިސްބަތްވާ ރަމޭޝް ވިޝްވާޝް ކުމާރު ބުނެފި އެވެ.
އިންޑިއާއިން 242 މީހުންނާއެކު ލަންޑަނަށް ދަތުރު ކުރަމުންދިޔަ މަތިންދާ ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުއާބާދުގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުންނެވެ.
ބޯޓުގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކާއި ޕޯޗްގީޒް ހަތް މީހެކެވެ.
ބޯޓުން ދަތުރުކުރި އެންމެން މަރުވި ކަމަށް ރިޕޯޓް ކުރުމަށްފަހު އޭގެ އިރުކޮޅެއް ފަހުން އެކަކު ސަލާމަތްވި ކަމަށް ވަނީ އަލުން އިއުލާންކޮށްފަ އެވެ. ސަލާމަތްވީ ބޯޓުގެ 11A ސީޓުގައި އިން ރަމޭޝް ވިޝްވާޝް ކުމާރެވެ.
އިންޑިއާގައި ތިބި އޭނާގެ އާއިލާގެ ގާތަށް ޒިޔާރަތްކުރުމަށްފަހު އެނބުރި ލަންޑަނަށް ދިއުމަށް ރަމޭޝް ދަތުރު ފެށީ އޭނާގެ ކޮއްކޮ އަޖޭ ކުމާރު އާއެކު އެވެ.
ވީޑިއޯތަކުން ފެންނަ ގޮތުން ރަމޭޝްއަށް މާ ސީރިއަސް އަނިޔާތަކެއް ނުވެ އެވެ. އޭނާ އެންބިއުލާންސަށް އެރުމަށް ހިނގާފައި ދާތަން ފެނެ އެވެ.
ލަންޑަނުގައި ތިބި ދަރިންނާއި އަނބިމީހާ ކައިރިއަށް ދިއުމަށް ފުރި ރަމޭޝް ބުނި ގޮތުގައި ނައްޓާލިތާ 30 ސިކުންތު ތެރޭގައި ބާރުގަދަ އަޑުފަށްގަނޑަކާއެކު ބޯޓު ވެއްޓުނީ ކަމަށެވެ.
އެއަށްފަހު ބޯދުންތަކުގެ ތެރެއިން ތެދުވެވުނު އިރު ވަށައިގެން މީހުންގެ ހަށިތައް އެކި ތަންތާންގައި ހުރިކަމަށް އޭނާ ބުންޏެވެ. އޭނާ އެތަނުން އަވަހަށް ދުވެފައި ނުކުތީ ކަމަށް ބުނެފައިވެ އެވެ.
ހޮސްޕިޓަލަށް ގެންގޮސް ރަމޭޝްއަށް ފަރުވާދެމުންދާއިރު، އޭނާގެ މެޔަށާއި ލޮލަށް އަދި ފަޔަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ބޯޓު ވެއްޓިފައި ވަނީ އަހުމަދުއާބާދުގައި ހުންނަ ބީޖޭ މެޑިކަލް ކޮލެޖްގެ ހޮސްޓެލް ހުންނަ އިމާރާތް މައްޗަށެވެ. އެތާންގައި ދިރިއުޅުނު ބައެއް ދަރިވަރުން ވެސް މި ހާދިސާގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހާދިސާގައި މެޑިކަލް ކޮލެގައި އެމްބީބީއެސް ކިޔަވާ ގިނަ ދަރިވަރުންތަކަކަށް އެކިވަރުގެ އަނިޔާވެ ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި 40 ޑޮކްޓަރަކު ޒަހަމްވެފައިވާ އިރު އެކަކުގެ ހާލު ވަރަށް ސީރިއަސްކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ބޯޓު ވެއްޓެން ދިމާވި ވަކި ސަބަބެއް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.