ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުތަކަށް (އެސްއީޒެޑް) މިހާތަނަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރު ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓަރުންގެ ފޯރަމެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ޖުމްލަ އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމަކީ އަމާޒެއް ކަމަށެވެ. އަދި މި ފޯރަމްގައި ސަރުކާރުން އިއުލާންކުރި ސޯލާ ސިޓީ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

އިންވެސްޓަރުންނަށް ރާއްޖޭގައި ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށް ވިދާޅުވެ، މިނިސްޓަރު ސައީދު ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފަ އެވެ.

ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ 2040 ވަނަ އަހަރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ. އެސްއީޒެޑުތަކުން މިކަމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެސްއީޒެޑުތަކުގައި ހިންގޭ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓް އިތުރުކޮށް، މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖެއަށް ބޮޑެތި އާ އިންވެސްޓްމަންޓްތަކެއް ގެނެސް، ކާމިޔާބު މަޝްރޫއުތަކެއް ފެނިފައިނުވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި އިގްތިސާދީ ގޮތުން ފައިދާ ހޯދުމަށް ފަށާފައިވާ މަސައްކަތްތަކަކީ ދުރު ވިސްނުމެއް ނެތި، ސިޔާސީ ފައިދާއަށް ފަށާފައިވާ މަސައްކަތްތަކެއް ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ފާޑުކިޔަ އެވެ.