ކޮވިޑް-19 ގައި ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ނާޑު ކުންފުންޏާ ގަންނަން ސަރުކާރުން ހަވާލުކުރި ހުރިހާ ވެންޓިލޭޓަރުތައް ގެނެސްފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މާޗް 8 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެންނަންޖެހޭ ހަތަރު ވެންޓިލޭޓަރު 14 ދުވަހުގެ ތެރޭގައި ގެނެސް ސަރުކާރާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އޭގެފަހުން މާޗް 19 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެންނަން ޖެހޭ 20 ވެންޓިލޭޓަރު މިހާރު ގެނެސްފައިވާ ކަމަށެވެ.

"އެ ވެންޓިލޭޓަރުތައް ރާއްޖެ ގެނައީ ގަތަރު އެއާވޭސްގެ ފްލައިޓަކުން. އެއީ ޖަރުމަނުން ގެނައި ތަކެތި،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި އެ ވެންޓިލޭޓަރުތައް ގަތީ އެތަކެތި އުފެއްދި ކުންފުނީގެ އަތުންނެވެ. އަދި އެތަކެތި އިންސްޓޯލްކޮށް ޓްރެއިނިން ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ވެންޓިލޭޓަރުތައް ގަތުމަށް ސޮއިކުރީ ހަތް މިލިއަން ރުފިޔާގެ ދެ އެއްބަސްވުމެއްގަ އެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ލަސްތަކެއްވީ ދުނިޔޭގެ މާކެޓުގައި ވެންޓިލޭޓަރު ހޯދަން ހުރި ދަތިތަކުގެ ސަބަބުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.