ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 84،000 ސިނގިރޭޓު ފޮށި، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރި މައްސަލާގައި ބައެއް މަޖިލިސް މެންބަރުން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑެތި ތުހުމަތުތަކެއްކޮށްފި އެވެ.

ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައެއްނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ މިހާރުގެ ޕޮލިސް ކޮމިޝަނަރު ނަވީން ޑެޕިޔުޓީ ކޮމިޝަނަރަކަށް ހުންނެވިއިރު، ހޯކްސް ކުންފުނީގެ ހިއްސާދާރުންގެ ގެއަށް ވަޑައިގެންނެވި ކަމުގެ ހެކި އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން ހޯކްސްގެ މައްސަލަ ބަލަމުން ދިޔައިރު މިހާރުގެ ޕޮލިސް ކޮމިޝަނަރު، ސީދާ ހޯކްސްގެ ގެއަށް ވަންނަ މަންޒަރު ހުރި ފޮޓޯ އަޅުގަނޑުމެންގެ އަތުގައި އެބަހުރި. މިއީ ހިނގައިގެން ވާނެ ކަންތަކެއް ނޫން. މަގާމުގައި ތިބޭ މީހުން މި ތަނުން ބަލަމުންދާ ބޮޑެތި މައްސަލަތަކާ ގުޅުން ހުރި ގޭގެ އަށް އެ ބޭފުޅުންނާ ބައްދަލުކުރަން ދިއުން ކީއްވެގެންތޯ ޖަސްޓިފައި ކުރާނީ،" ޣަފޫރު ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ އެ މައްސަލަ ކުރިއަށް ނުދާ މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލަ ނުބަލަނީ ކީއްވެތޯ ސާފުކުރުމަށް ހުށަހަޅުއްވާފަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ވީއެންމެ އަވަހަކަށް އެ މައްސަލަ ކޮޅެއްގައި ޖައްސަން ޖެހޭ ކަމަށެވެ.

ކޮމިޓީގެ ބައެއް މެންބަރުން ވަނީ އެ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ވެސް ތުހުމަތުތަކެއް ކުރައްވާފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އެ މިނިސްޓްރީގެ ބޭފުޅުން ގޮވައިގެން ތިލަފުށީގައި ހުންނަ ހޯކްސްގެ ސައިޓަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި އެ މައްސަލަ ނުހިނގައިގެން އުޅެނީ ފައިސާ އާއި ކޮރަޕްޝަން އޭގެތެރެއަށް ވަދެފައި އޮތުމުން ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.