އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުން ހުއްދަކަމަށް ބޮޑަށް ބުރަވެވޭ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
ފަތުވާ މަޖިލީހުން އިސްތަށީގައި ކަޅު ކުލަ ޖެއްސުމާ ބެހޭގޮތުން ނެރުނު ހުކުމުގައި ފަތުވާގައި ބުނީ އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ މައްސަލައިގައި މައިގަނޑު ދެރައުޔެއް ފާހަގަކުރެވޭ ކަމަށެވެ.
އެއީ ބޮލުގައި ކަޅުކުލަ ޖެއްސުން ހަރާމްކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔު އެވެ. މި ދެ ރައުޔު ވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށް ކަމަށް އެ މަޖިލީހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ދިރާސާކުރައްވައި އިލްމުވެރިން ނެރުއްވައިފައިވާ ހުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާ ކަން ފާހަގަކުރަމުން ފަތުވާދޭ މަޖިލީހުން ބުނީ، މިއީ އިޖުތިހާދީ މައްސަލައަކަށްވާތީ އިސްވެ ދެންނެވުނު މައިގަނޑު ދެރައުޔަކީވެސް އިލްމުވެރިން ގަބޫލުކުރާ ދެ ރައުޔު ކަމަށެވެ.
ނަމަވެސް ނަމަވެސް ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަކުރެވިފައިވާތީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަކަމެއްކަމަށް ރައުޔުގައިވެ އެވެ.