ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން، އަދަބު ކަނޑައެޅުމުގެ މަޖިލިސް ބޭއްވެންދެން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނިންމައިފި އެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކޮށްފައި ނުވަނީސް އަދި އެކަން ކަށަވަރުކުރުމެއް ނެތި، މަސައްކަތަށްވާ ފައިސާ ދޫކޮށް ބްލޭޒަންއަށް ނާޖާއިޒު މަންފާއެއް ހޯދައިދިން މައްސަލައެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، މި އަމަލުގެ ސަބަބުން ފެނަކައަށް 848,000 ރުފިޔާގެ ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.
ކުށް ސާބިތުވުމާ ގުޅިގެން ދީނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެއިތުރުން ދީނާއަށް ތުހުމަތުކުރެވޭ އިތުރު ދެ މައްސަލައެއްގެ ދައުވާ ކުރަން ވެސް ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ފެނަކައަށް ސީސީޓީވީ ކެމެރާތަކެއް ހޯދުމުގެ ތެރޭގައި މުދާ ނުލިބެނީސް ފައިސާ ދޫކުރި މައްސަލައަކާއި، 2018 ވަނަ އަހަރު ފެނަކައިން ކުއްޔަށް ހިފި ދޯންޏެއް އޭނާގެ ގާތް މީހަކަށް ކުއްޔަށް ދީގެން ނާޖާއިޒު ފައިދާ ހޯދައިދޭން އުޅުނު މައްސަލައެއް ހިމެނެ އެވެ.
ފެނަކައިގެ ކޮރަޕްޝަން މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވެސް އަންނަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ވެސް ބްލޭޒަން އިންކްއާއެކު ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރި މައްސަލައިގަ އެވެ.
ރަސްމާލޭގެ ދުސްތޫރީ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަނީ
ފުއްގިރި މައްސަލައިގައި ޔާމީނަށް ހުކުމް އިއްވުން މި މަހު 29ގައި
