ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދިނުމުގެ އެއްބަސްވުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖައާކޮށްދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން ވިދާޅުވީ ރަޖިސްޓްރާގެ ނިންމެވުން ފަނޑިޔާރުންގެ މަޖިލީހުގައި ރިވިއުކުރުމަށް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ރަޖިސްޓްރާގެ ނިންމެވުމެއް މުރާޖައާކޮށްދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ލިބެ އެވެ. މިދިޔަ އާދީއްތަ ދުވަހު ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖައާކުރަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 25 ވަނަ ދުވަހަށެވެ.
މި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާ ނިންމެވީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާއަށް ހަވާލާދެއްވަ އެވެ. އެ މާއްދާގައިވާ ގޮތުން ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ފަދަ މައްސަލަތަކާއި، ގާނޫނުއަސާސީ މާނަކުރުމާ ގުޅޭ ގޮތުން ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި އުފެދޭ ހިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ.
އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު، ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. މީގެ އިތުރުން، މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް އެދިވަޑައިގެންފައިވެ އެވެ.
ރަސްމާލޭގެ 'އާބަން އޭރިއާ'ގައި ވޯޓާ ފްރަންޓާއި މެރީނާ އަދި ޕްރިމިއަމް ރެޒިޑެންސްތައް ތަރައްގީކުރުމަށް އީގަލް ހިލްސްއާއެކު 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން 54،000 ވަޒީފާގެ ފުރުސަތު އުފެދި، އާމްދަނީގެ ގޮތުގައި ބޮޑު އަދަދެއް ރާއްޖެއަށް ލިބިގެންދާނެ އެވެ.
ޕީއެންސީއަށް ސޮއިނުކުރުމުން ސަފީރު ކަމުން ސަރީރު ވަކިކުރަނީ
އަމީތާބުގެ އަމަލުތައް ހުރި ގޮތުން އޭނާއަށް ފާޑު ކިޔަނީ!
15 އަހަރަށްފަހު "ދަ ޑާޓީ ޕިކްޗާ"ގެ ސީކުއަލް ގެނެސްދެނީ!
