ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށް މުސްތަގުބަލުގައި ވެސް ބައިނަލްއަގުވާމީ ދުނިޔެއާ ކޮނޑާ ކޮނޑު ޖައްސައިގެން މަސައްކަތް ކުރުމާއިގެން އދ ގެ ފަޚުރުވެރި މެމްބަރެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އދ. އަށް 75 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހައި ލެވެލް މީޓިންގައި ތަގުރީރުކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އދ ގެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދަމަހައްޓައި، އަމާޒު ހާސިލްކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ އެންމެހައި ގައުމުތައް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ކޮވިޑް-19 އިން އަރައިގަތުމަށް ވެސް މަސައްކަތް ކުރަން އޮތީ އެމަގު ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ލިބުނު އެކި ކަހަލަ ގެއްލުންތަކުން އަރައިގަތުމަކީ ދުނިޔެއަށް ކުރިމަލާންޖެހޭނެ ބޮޑު ދައްޗެއް ކަމަށެވެ. އަދި އެކަމުން އަރައިގަތުމަށް ރާއްޖެފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ އެހީ ބޭނުންވާ ކަމަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރާއްޖެ އދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ މި ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ މިއަދު ޚާއްސަ މެސެޖެއް ވެސް ފޮނުއްވާފަ އެވެ.

އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ މިވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. މިގޮތުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ އިގްތިސާދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ ސިނާއަތެއް ގާއިމުކޮށް ކުރިއަރުވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.