އިންޑިއާގެ ފިރިހެނަކު ބޮޑު ރާވަޅިއަކުން ޖަހާ އޭނާގެ މާބަނޑު އަންހެނުންގެ ބަނޑު ފަޅާލުމުން، ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެ އެވެ.

އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރާގޮތުގައި ފިރިހެން މީހާ ބޭނުންވީ ދަރިފުޅުގެ ޖިންސު ބަލާށެވެ. އަދި އެ ދެމަފިރިންގެ މިހާރު ތިބީ ފަސް އަންހެން ކުދިން ކަމަށާއި އެހެން ކަމުން އަންހެނުންނަށް ފިރިހެން ކުއްޖަކު ވިހެއުމަށް ބާރުއަޅަމުންދިޔަ ކަމަށެވެ.

މި އަމަލު ހިންގި ފިރިހެން މީހާ މިހާރު ހައްޔަރުކޮށްފައިވާ އިރު އޭނާ ބުނެފައިވަނީ މިއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ "އެކްސިޑެންޑެއް" ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ އަވަށެއްގައި އެވެ.

ބީބީސީއާ ވާހަކަދައްކަވަމުން ފުލުހުން ވިދާޅުވި ގޮތުގައި އަނިޔާ ލިބުނު މީހާއަށް ދިއްލީގެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅުކަމަށެވެ.

އަންހެން މީހާގެ ދައްތަ އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ އެ ދެމަފިރިން އަބަދުވެސް ފިރިހެން ކުއްޖަކު ނުލިބޭތީ އެކަމާ ޒުވާބުކުރާ ކަމަށެވެ.

ފިރިހެން މީހާ ބުނެފައިވާ ގޮތުގައި އަންހެނުންނާއި ދިމާއަށް ވަޅި އެއްލީ އަނިޔާ ދިނުމުގައި ނިޔަތުގައި ނޫން ކަމަށާއި އޭގެ ސަބަބުން އެހާ ބޮޑަށް ޒަހަމްވެދާނެ ކަމަށް ހީނުކުރާ ކަމަށެވެ.

އިންޑިއާގައި އަބަދުވެސް އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިން ބޭނުންވާ އާއިލާތައް ގިނަ އެވެ. ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑިއާގައި ވީނުވީއެއް ނޭނގި 46 މިލިއަން އަންހެން ކުދިން ވަނީ ގެއްލިފަ އެވެ.