ޒަމާނުއްސުރެ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގދ. ތިނަދޫ ކައުންސިލްގެ ތިން ގޮނޑިއެއް އިދިކޮޅު ޕީޕީއެމް އިން ކަށަވަރުކޮށްފި އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ގދ. ތިނަދޫ ކައުންސިލަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެކަކު ވަނީ އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ. އެއީ އައިޝަތު ލިއުޝާ ޒުބައިރެވެ. އޭނާ އަށް ލިބުނީ 1366 ވޯޓެވެ.

އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި ދެން ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ނަސީމާ އާއި އަހްމީމާ އަހްމަދެވެ. ނަސީމަށް ލިބުނީ 1438 ވޯޓެވެ. އަދި އަހްމީމާއަށް 1294 ވޯޓު ލިބިފައިވެ އެވެ.

ގދ. ތިނަދޫ ކައުންސިލް މެމްބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރި ޕީޕީއެމްގެ އަނެއް ދެ ކެންޑިޑޭޓުންނަކީ އަހްމަދު ވަހީދު އާއި މުހައްމަދު ޒަލީފް އަބްދުﷲ އެވެ. އަހްމަދު ވަހީދަށް 1306 ވޯޓު ލިބުނުއިރު ޒަލީފަށް 1280 ވޯޓު ވަނީ ލިބިފަ އެވެ.

އެރަށު ކައުންސިލަށް ދެން އިންތިޚާބުވީ އެމްޑީޕީގެ ކެންޑިޑޭޓް ނަސްރުﷲ އަލީ އެވެ. 1275 ވޯޓު އޭނާއަށް ލިބިފައިވެ އެވެ.

ގދ. ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ސައުދު އަލީ އެވެ. އޭނާ އަށް 1531 ވޯޓު ލިބުނުއިރު، ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ނަސީމަށް ލިބުނީ 1099 ވޯޓެވެ. އަދި އަމިއްލަ ގޮތުން ރައީސް ކަމަށް ވާދަކުރި މުހައްމަދު ޔޫޝައުއަށް ލިބުނީ އެންމެ 134 ވޯޓެވެ.

ތިނަދޫ ކައުންސިލްގެ އިތުރުން ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން ފައިހަތު ގުދުރަތުﷲ އެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ވަރަށް ބޮޑަށް އޮންނަ މުހައްމަދު ހަސަނާ ވާދަކޮށެވެ.

ރާއްޖޭގައި ކައުންސިލަރުން އިންތިޚާބު ކުރަން ފެށީއްސުރެ ތިނަދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މީގެކުރިން ކާމިޔާބު ކުރަމުން އަންނަނީ އެމްޑީޕީންނެވެ. ނަމަވެސް މިއަދު އެކަން މިވަނީ ނިމުމަކަށް އައިސްފަ އެވެ.