ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި ދަރިވަރުންނަށް އޭލެވެލް އިމްތިހާނު ހެދުމަށް ވަކި ހޯލެއް ހެދުމަށް ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ކަރަންޓީނުގައި ތިބި ދަރިވަރުންނަށް ވެސް އޭ ލެވެލް އިމްތިހާނު ހެދުމަށް ވަކި ހޯލެއް ގާއިމް ކުރާނެ ކަމަށެވެ.

އެފަދަ ދަރިވަރުން އިމްތިހާނު ހެދުމަށް އިތުރު ދެ ހޯލެއް މާލެ ސަރަހައްދުގައި ގާއިމް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހްސާން ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 33 ސެންޓަރެއްގައި އޭލެވެލް އިމްތިހާނު ހަދާނެއެވެ. އަދި އެފަދަ ސެންޓަރެއްގެ ދަރިވަރަކު ޕޮޒިޓިވް ވެއްޖެނަމަ ވެސް ބަހައްޓާނީ ވަކި ހޯލެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްތިހާނަށް ދަރިވަރުން ހާޒިރުވާއިރު ވެސް ގައިދުރުކަން ބަހައްޓައި، ހުން ހުރިތޯ ޗެކްކުރާނެ ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ.

އޭލެވެލް އިމްތިހާނު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.