މިއަދަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. އާދައިގެ މަތިން މަގު މައްޗަށް ހެނދުނު ނުކުތީ ގެއަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ހުރުމާއެކު ބާޒާރުކޮށްލުމަށެވެ.

އަސްތާ ކަމަކު ދާކަށް ނެތެވެ. އެހެން ދުވަސް ދުވަހު ކާރުބާރުބޮޑު މަގުތައް މިއަދު އެ ވަގުތު ފެނުނީ ވަރަށް ފަޅުކޮށެވެ. މެންދުރުގެ ރަތްދަކަ އަވީގައި ވެސް ފުރި ބާރުވެފައި އޮންނަ އެ މަގުތައް މިއަދު އޮތީ ނިދާފައި ކަހަލަ ގޮތަކަށެވެ. ހާލަކުން ފަހަރަކު ދުއްވާފައިދާ އުޅަނދެއް މެނުވީ ނުފެނެ އެވެ. ހިނގާބިނގާވެ އުޅޭ ތަން ފެނުނީ އިނގިލިތަކުން ގުނާ ލެވޭހާ މަދު ބައެކެވެ.

އެއީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވުމުން ގިނަ ބަޔަކު ހެނދުނު އަރާމްކޮށްލަނީ ކަމަށް ވެދާނެ އެވެ.

މަގުމަތި ހުސްކޮށް އޮތުމުން ގެއަށް އައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ޓްރެފިކްގެ އެއްވެސް ފިކުރެއް ނެތި އެވެ. ކުރަން ކަންތައްތައް ކޮށް ނިމިގެން ގެއަށް އައިއިރު ވެސް ހީވީ މަގު ހިތަކަށް ލިބިފައި އޮތް ހެންނެވެ.

މާލޭގެ މަގެއް: މިއަދު ހެނދުނު އުޅަނދު ފަހަރާއި ހިނގާބިނގާވެ އުޅޭ މީހުން މަގުތަކުގައި ވަރަށް މަދު.

މިވީ ކިހިނެއް ހެއްޔެވެ؟ ބައިބޯ މާލޭގެ މަގުތަކުގައި ހަމަހިމޭންކަން ފެނުމަކީ ނާދިރު ކަމެކެވެ.

އާއެކެވެ. މިއީ ރޯދަ މަހުގެ ފުރަތަމަ ދުވެހެވެ. ސަރުކާރު ބަންދު ކަމުން އޮފީހަށް ނުކުމެ އުޅޭ މީހުން ނެތީއެވެ. އަލަށް ރޯދަ ހިފާ ކުޑަ ކުދިން ރޯދަ ވަރުބަލި ވިޔަ ނުދޭން ގޭގައި ތިބި ބެލެނިވެރިން ގިނައީ އެވެ. މުލަ ރޯދަ ދުވަހު އާއިލާ އާ އެކު ވަގުތު ހޭދަކުރަން މީހުން ބޭނުންވީ އެވެ. ކުރިއަށް އޮތް ހަލަބޮލި ދުވަސްތަކުގެ ކުރިން އަރާމު ކުރަން ހިތް އެދުނީއެވެ. ފުރަތަމަ ރޯދަ އެންމެ ހެޔޮ ގޮތުގައި ހިފަން ގިނަ ބަޔަކު ގަސްދު ކުރީ އެވެ.

މާދަމާއަށް އަލި ވިލުމާއެކު ހެނދުނުގެ މި މަންޒަރު ބަދަލުވާނެ އެވެ. އެކި ކޮޅު ކޮޅު މައްޗަށް ދުވާ މީހުން ގިނަވާނެ އެވެ. ރޯދަ މަސް އޭގެ ގޮތުގައި ފެށޭނެ އެވެ.