އައިއެމްޑީބީގެ ކޮރަޕްޝަން ސްކީމްގައި ގޯލްޑްމޭން ސޭކްސް އިން އަދާކުރި ދައުރާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މެލޭޝިއާ ސަރުކާރާއެކީ 3.9 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިފި އެވެ.
މި ޑީލް އާއި އެކު އެ ފާމްއިން މެލޭޝިއާގައި އައިއެމްޑީބީ ޑިވެލޮޕްމެންޓް ފަންޑަށް 6.5 ބިލިއަން ޑޮލަރު ހޯދުމަށްޓަކައި އިންވެސްޓަރުންނަށް އޮޅުވާލި ކަމުގެ ދައުވާ ނުކުރާނެ އެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުން ބެންކަރުން ހިމެނޭހެން އެތައް ބިލިއަން ޑޮލަރެއް ވަގަށްނަގާފައި ވާ ކަމަށެވެ.
ގޯލްޑްމޭން އިން ބުނެފައިވާ ގޮތުގައި މިއީ މި މައްސަލަ ހައްލުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
މި އެއްބަސްވުމުގައި ގޯލްޑްމޭން އިން މެލޭޝިއާ ސަރުކާރަށް 2.5 ބިލިއަން ޑޮލަރު ދައްކަން ހަމަޖެހިފައިވާ އިރު އެ ފާމް އިން ބުނެފައިވާ ގޮތުގައި މި ސްކީމުން ރިކަވާ ވާ ފައިސާގެ ތެރެއިން 1.4 ބިލިއަން ޑޮލަރު މެލޭޝިއާގެ ސަރުކާރަށް ލިބޭނެ ކަމުގެ ގެރެންޓީ ދޭ ކަމަށެވެ.
އައިއެމްޑިބީ މައްސަލައަކީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު މެލޭޝިއާގެ ސްޓޭޓް ފަންޑަށް ފައިސާ ހޯދުމަށްޓަކައި ގޯލްޑްމޭންއިން ބޮންޑު ވިއްކުމަށް ގޯލްޑްމެންއިން އިން އިންތިޒާމުކުރުމުގައި ހިނގާދިޔަ ބޮޑު ހިޔާނާތުގެ މައްސަލައެކެވެ.
އެގޮތުން އެ ފައިސާގެ ތެރެއިން އެތައް ބިލިއަން ޑޮލަރެއް ކުރެހުމާއި، ޕްރޮޕަޓީ، ޕްރައިވެޓް ޖެޓާއި ސުޕަ ޔޮޓެއް ގަންނަން ހަރަދުކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. މީގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ފަންނާނު، ލިއޮނާޑޯ ޑިކެޕްރިއޯ ފެނިގެންދިޔަ ފިލްމު ، ވުލްފް އޮފް ވޯލް ސްޓްރީޓް އުފެއްދުމަށްވެސް މި ފައިސާ ހަރަދުކޮށްފައިވެ އެވެ.
މި މައްސަލާއި ގުޅިގެން މުޅި ދުނިޔޭގައި ތަހުގީގު ފެށިފައިވާ އިރު މެލޭޝިއާގެ އިންތިހާބުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާކް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައިގަތުމުގައި ވެސް މި ހިޔާނާތުގެ މައްސަލަ ވަނީ ބޮޑު ރޯލެއް އަދާކޮށްފަ އެވެ. އެގޮތުން އެ ފަންޑުގެ ތެރެއިން 700 މިލިއަން ޑޯލަރު އަމިއްލަ ޖީބަށް އެޅިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.
އެހެން ނަމަވެސް އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. -ބީބީސީ