ވޭޕް ބޭނުންކުރުމާއި ގެންގުޅުމުގެ މައްސަލަތަކުގައި ފާއިތުވި މަހު 30 މީހަކު ޖޫރިމަނާކޮށް، ޖުމްލަ 150،000 ރުފިޔާ ނަގާފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
ފުލުހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ވޭޕާ ގުޅުންހުރި 11 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.
މި މައްސަލަތަކުގެ ތެރޭގައި އިލެކްޓްރޯނިކް ވޭޕް ގެންގުޅުމުގެ 4 މައްސަލަ އާއި ވޭޕް ބޭނުންކުރުމުގެ 4 މައްސަލަ އާއި ވޭޕާ ގުޅޭ އެހެނިހެން 3 މައްސަލައެއް ހިމެނެ އެވެ.
ޖޫރިމަނާކުރި 150،000 ރުފިޔާގެ ތެރޭގައި، ވޭޕް ގެންގުޅުނު 16 މައްސަލައެއްގައި 65،000 ރުފިޔާ ހިމެނޭއިރު، ވޭޕް ބޭނުންކުރި 14 މައްސަލައެއްގައި 85،000 ރުފިޔާ ނަގާފައިވެ އެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަމަލުކުރަން ފަށާފައިވެ އެވެ. މި ގާނޫނުގެ ދަށުން ވޭޕް އެތެރެކުރާ، ބޭނުންކުރާ އަދި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅެމުން ދާކަމަށް ފުލުހުން ބުނެ އެވެ.
އާ ގާނޫނުގެ ދަށުން ވޭޕް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ އެވެ. މީގެ އިތުރުން، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ހާއްސަކޮށް ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ހިލޭ ދިނުމުގެ މައްސަލަތަކުގައި ކަނޑައެޅިފައިވާ އާންމު ޖޫރިމަނާގެ އިތުރުން 50،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.