ސްޓެލްކޯގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށް، އެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒުނާ ހަަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ވަނީ އެކަން ހާމަކޮށްފަ އެވެ.
ޕީސީބީ އިން މިކަން އިއުލާނުކުރިޔަސް، އާންމުކޮށް އަމަލުކުރާ ގޮތަށް، ބޯޑަށް އެ ބަދަލުތައް ގެނައި ސަބަބެއް ނުބުނެ އެވެ.
ސްޓެލްކޯގެ ބޯޑަށް އާމިރު އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ސްޓެލްކޯ ބޯޑަށް އައްޔަނުކުރި މުޒްނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރު އެވެ. އެ ފަހުން އޭނާ އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023ގަ އެވެ.
އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަންއިން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.
ސްޓެލްކޯގެ ބޯޑަށް މި ބަދަލު ގެނައިއިރު، މިދިޔަ އާދިއްތަ ދުވަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ހުސެއިން ފަހުމީ ވަނީ ވަކިކޮށްފަ އެވެ.
އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަނުކުރީ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ޕީސީބީން ހިންގި އިންކުއަރީއަކަށް ފަހު މިފްކޯގެ ބޯޑުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދެވެ.
ގްރޭޓާ މާލޭ ސަރަހައްދާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯގެ ބޯޑަށް ކުއްލިއަކަށް މި ބަދަލުތައް ގެނައި ސަބަބެއް ވެސް ސަރުކާރުން ނުބުނެ އެވެ.
އެކަމަކު މި ބަދަލުތައް ގެންނަން ނިންމީ، މާލެ އާއި ހުޅުމާލޭން ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑުނު ހާދިސާގެ ފަހުން މުޅި މައްސަލަ އެއްކޮށް ހައްލު ނުވާ ކަމުގެ ކަނބޮޑުވުން ބޮޑު ދަނޑިވަޅެއްގަ އެވެ. އެ ފަހުން ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ގިނަ ވެފަ އެވެ.
ނަމަވެސް ސްޓެލްކޯގެ ބޯޑަށް ބަދަލު ގެނައީ މި މައްސަލައިގައި އެޅި ފިޔަވަޅެއްގެ ގޮތުން ކަމެއް ނޭނގެ އެވެ. އަދި އެ ކުންފުނީގެ ބޯޑުން ވަކިކުރި ފަހުމީ ވަނީ ޕޮލިސީ އާއި މެނިފެސްޓޯ ދާއިރާއިން ރައީސްގެ ޕްރިންސިޕަލް އަންޑަސެކެޓްރީ ކަމަށް ހަމަޖައްސާފަ އެވެ. މިއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
އެ މަގާމަށް އައްޔަން ކުރެއްވި މުޒްނާ ވަނީ 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ މުޒްނާ ވަނީ ލީގަލް ޑިޕާޓްމަންޓްގެ ހެޑް ކަމާއި، ސްޓެލްކޯ ބިއުރޯގެ ހެޑް ކަމާއި، ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ހެޑްކަން ކުރައްވައިފައެވެ. އަދި ހެޑް އޮފް ޕްރޮކިއުމަންޓް އެންޑް އިންވެންޓްރީ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަގާމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ހެޑްކަމުގެ އިތުރަށް ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ހެޑް ކަމުގެ މަގާމު ފުރުއްވިއެވެ.
ސްޓެލްކޯއަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީގެ 90 ޕަސެންޓަކީ ގްރޭޓާ މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީގެން ލިބޭ އާމްދަނީ އެވެ. ނަމަވެސް އެ ކުންފުންޏަށް ފައިދާ ވަނީ ކަރަންޓުގެ އަގު ހެޔޮކުރަން ސަރުކާރުން ސަބްސިޑީ ދޭތީ އެވެ.