ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާ އަށާއި، ޕާކިސްތާން ގެ ސަރުކާރަށާއި ރައްޔިތުންނަށް ރާއްޖޭގެ ފަރާތުން ހަމްދަރުދީ ވަނީ ފޮނުވާފައެވެ.
"މި ފިނޑި ޖަރީމާގައި އަނިޔާލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ތެދުވެ ސާބިތުކަންމަތީ ދެމި އޮންނާނެ ޤައުމެއް ކަމުގައި ކަށަވަރުކޮށްދީ، ބައިނަލްއަޤްވާމީ މައިދާނުގައި އެކި ފަރާތްތަކާ ގުޅިގެން ޓެރަރިޒަމް އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ޤައުމެއްކަމުގެ ޔަޤީންކަން ފޮރިން މިނިސްޓްރީން ދިނެވެ.