ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު މުހައްމަދު ހުންނެވި އިރު އެ ކުންފުންޏަށް މުދަލާއި ހިދުމަތް ހޯދަން އޭނާގެ އާއިލީ ތިން ކުންފުންޏަކަށް ޖުމްލަ 49.7 މިލިޔަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާކަން ހާމަވެއްޖެ އެވެ.
ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓަށް ފަހު އޮޑިޓާ ޖެނެެރަލް ހުސައިން ނިޔާޒީ ރޭ މެންދަމު ނެރުއްވި ރިޕޯޓްގައިވާ ގޮތުން، ސައީދުގެ އާއިލީ ތިން ކުންފުންޏަކާ އެކު މުދަލާ ހިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް، އެ މުއްދަތުގައި ހަދާފައިވެ އެވެ.
އެ ކުންފުނިތަކަކީ:
- ޝެލްޓާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
- ޕަަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
- ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
އޭގެތެރެއިން ދެ ކުންފުންޏަކީ ސައީދުގެ ޅިޔަނުންގެ ކުންފުނިތަކެއް ކަމަށާއި އަނެއް ކުންފުންޏަކީ ޅިޔަނެއްގެ ދަރިއެއްގެ ކުންފުންޏެއް ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
ޝެލްޓާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
އެ ކުންފުންޏަށް ފެނަކައިން 84 އެއްބަސްވުމެއްގެ ދަށުން 22.2 މިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކުރި ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. ބިޑަކާ ނުލައި ދިން އެ މަސައްްކަތްތަކަށް 16.4 މިލިޔަން ރުފިޔާ ދޫކޮށްފަައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އެ ކުންފުންޏާ މައިގަނޑު ގޮތެއްގައި ހަވާލުކޮށްފައި ވަނީ ރަށްރަށުގައި އިމާރާތްކުރި އިންޖީނުގެތަކާއި އޮފީސްތަކަށް އެލުމިނިއަމް ދޮރު ޖެހުމުގެ މަސައްކަތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ޕަަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
އެ ކުންފުންޏަށް ހަ އެއްބަސްވުމެއްގެ ދަށުން 15.7 މިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކުރި ކަމަށާއި އޭގެ ތެރެއިން 10.1 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އެ ކުންފުންޏާ ހަވާލުކުރީ އާ އޮފީސް އިމާރާތަކާއި އިންޖީނުގެއަކާއި ތިން ރަށެއްގެ އިންޖީނުގެއަށް ފިއުލް ޓޭންކް ހެދުމުގެ މަސައްކަތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
އެ ކުންފުންޏާ އެކު ސޮއިކުރި ދެ އެއްބަސްވުމުގެ އަގު 11.6 މިލިޔަން ރުފިޔާ އަށް އަރަ އެވެ. އެއީ އިންޖީނުގެއަކާއި އޮފީސް އިމާރާތެއް އެޅުމަށް ސޮއިކުރި އެއްބަސްވުމެކެވެ. އޭގެ ތެރެއިން 4.5 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
އެހެންކަމުން އެ ތިން ކުންފުންޏަށް ދޫކުރި ފައިސާގެ ޖުމްލަ އަދަދަކީ 31.1 މިލިޔަން ރުފިޔާ އެވެ.