އިންސާނާގެ މަންޒިލަކީ އަރްޟުއްދުންޔާ އެއް ނޫނެވެ. މާގިނަ ދުވަސްތަކެއް ނުވެ މި ދުނިޔޭގެ ޙަޔާތް ދޫކޮށް ދާން އެބަޖެހެއެވެ. އެއަށްފަހު އޮތީ ބަރުޒަޚުގެ ޢާލަމެވެ. ދެން ހިސާބާއި ކިތާބެވެ. އޭގެ ފަހަށް ދާއިމީ ގޮވައްޗެކެވެ. އެހެންޏާ ނަރަކައާއި އެ ތަނުގެ ވޭންދެނިވި ޢަޒާބެވެ. ނޫނީ ސުވަރުގޭގެ ލައްޒަތާއި މީރުކަމެވެ.
ސުވަރުގެ ނުވަތަ ނަރަކަ އެއީ އިންސާނާގެ ދާއިމީ ގޮވައްޗެވެ. މި ދުނިޔޭގެ ޙަޔާތަކީ ދާއިމީ ގޮވައްޗަށް ކުރާ ދަތުރުގައި، ހުރަސްކޮށް ދާންޖެހޭ ވަގުތީ ފާލަމެކެވެ. މި ފާލަން ހުރަސްކުރަން ނުޖެހޭ އެއްވެސް އިންސިއެއް އަދި ޖިންނިއެއް ވެސް ނުހުންނާނެއެވެ. ޙިކްމަތްތެރި، ޢަދުލުވެރި ޢިލާހެއްގެ ރޭވުންތެރިކަމުގެ ފުރިހަމަ ކަމާއެވެ. އިންސީންނާއި ޖިންނީންނަށް ނިޢުމަތުގެ ކޮޅުނެތްކޮޅަށް އޯގާވެވޮޑިގަތުމަށްޓަކައި އަރާމުގެ ގޮވައްޗެއް އުފައްދަވައި އެތަނަށް ކުރާދަތުރަކީ ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ދެނެގަންނަ އިމްތިޙާނެއްކަމުގައި ލެއްވިއެވެ.
މި އިމްތިޙާނު ލުއިވުމާއި ފަސޭހަވުން ލެއްވެވީ އުނދަގުލާއި ތުރާލުގެ ތެރެއިންނެއް ނޫނެވެ. އެހެނަސް އަރާމާއި އުފަލާ މަޖަލާ ލައްޒަތާ މަލައްޒާތުތަކުގައެވެ. އާދޭހެވެ! އޭގައި ހައްދަކާއި މިންވަރެއް ލައްވާފައެވެ. އާޚިރަތުގައި ލިބެން އޮތް މަތިވެރި ނިޢުމަތާއި ދާއިމީ އުފަލުގެ މަތިން ހަނދާން ނުނެތޭވަރަށް ދުނިޔެއިން އުފާ ހޯދަންވާނެއެވެ. ދުނިޔޭގެ ހިތްގައިމުކަމާއި ރީތިކަން ދޫކޮށް ދުނިޔެއިން މީހާ ބޭޤަރާރު ވާނަމަ، އާޚިރަތުގެ އުފަލަށް އުއްމީދެއް ނުކުރެވޭނެއެވެ. އަދި މި ދުނިޔޭގައި މަޖާދާރުވާނެ އެއްވެސް ހައްދެއްނެތި އޭގެމިންވަރު ތިމާ ހިތުހުރި ހިސާބަކަށް ދަމާލާނަމަ، އާޚިރަތުން އެއްޗެއްގެއްލި އެއިން މަޙުރޫމުވެދާނެކަމުގެ އެއްވެސް ބިރެއް ހިތަކު ނޯންނާނެއެވެ. އެހެންވެއްޖެނަމަ ދެންފެށޭނީ ބިރަކާނުލާ މަޖާކުރާށެވެ. އިރާއޭގެ ދައުރުވުން ތިބާއަށް އޮޅި ހިނގައިދާނެއެވެ. ރޭގަނޑާއި ދުވާލު ގެ މަޤްޞަދު ގެއްލިދާނެއެވެ.
ދުނިޔޭގެ ނިޢުމަތްތަކުގެ ބޭނުން ﷲއެންގެވި ގޮތުގައި ހިފައި، އެ އިލާހު ކަނޑައެޅުއްވި ހައްދުތަކުގެ ތެރޭގައި އުޅޭ ކޮންމެ މީހަކަށް، އެ އިލާހުގެ ރަޙުމަތުން ސުވަރުގެ ވަދެވޭ ހުއްޓެވެ. ދުނިޔޭގައި ވެސް ސުވަރުގެއެވެ. އާޚިރަތުގައި ވެސް ސުވަރުގެއެވެ. މި ދުނިޔޭގެ ސުވަރުގެ އަށް ވަދެއްޖެމީހާ އާޚިރަތުގެ ސުވަރުގެ އަށް ވަދެއްޖެއެވެ. ﴿وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ﴾ ( الرحمن: ٤٦) މާނައީ: "އެމީހާގެ ވެރިރަސްކަލާނގެ حضرةގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ." ދުނިޔޭގައި އޭނާގެ ސުވަރުގެއަކީ އޭނާގެ ވެރިރައްބަށް ކިޔަމަންތެރި ވުމުމެ ސަބަބުން ލިބޭ ހިތްހަމަޖެހުމެވެ. އޭނާ އަށް ތަދިވެ އުނދަގޫވާ އެއްވެސް ކަމެއް ނެތުމެވެ. އޭނާ އަށްޓަކައި ﷲ ދެއްވި ރިޒްޤެވެ. އޭނާ އަށް ދެއްވި މުދަލުން ކުރާ ހޭދައެވެ. އޭނާގެ އަނބިދަރިންނެވެ. އެ މީހުންގެ ފުށުން ލިބޭ ހިތްހަމަޖެހުމެވެ. ބަލައިލި ކޮންމެ ދިމާލަކުން ހިތްގައިމުކަމާއި އުފަލެވެ. ނަފްސުގެ މުއްސަނދިކަމަކީ އެއީއެވެ. އެފަދަ މީހަކީ މި ދުނިޔޭގެ ސުވަރުގެ އަށް ވަދެއްޖެ މީހެކެވެ. އޭނާ އަށް އާޚިރަތުގެ ސުވަރުގެއިން ޖާގަ އޮންނާނެއެވެ.
މި ދެންނެވި ހުރިހާ ކަމެއް އެއްބަޔަކަށް ބޮޑު މުޞީބާތަކާއި ތަކުލީފަކަށް ވެފައި އޮންނާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދަރިންގެ ގޯސްކަމާއި، އަނބިންގެ ނުބައިކަމުން ބޭރުތެރެ އަށް ނިކުމެއުޅެން އުނދަގޫވެފައިވާ ބައެކެވެ. މުދާގިނައެއްކަމަކު އޭގެން އުފަލެއް ނުލިބި، އޭގެ ހިމާޔަތުގައި ނުނިދާ ހޭލާތިބޭ ތިބުމެވެ. ރިޒްޤުތަނަވަސްނުވާ ބައެކެވެ. ކައިބޮއިއުޅެނީ ﷲ ޙަރާމް ކުރެއްވި ތަކެއްޗެވެ. ހަށިގަނޑަށް ފައިދާނުކުރާ ތަނުގައި، ހަށިގަނޑަށް ދާއިމީ ވޭނާ ތަކުލީފު ދޭ ވަގުތީ ރަހަތަކެކެވެ. ބަލައިލި ކޮންމެ ދިމާލަކުން ހާސްކަމާ އުނގަގުލެވެ. ނަފްސުގެ ނުތަނަވަސްކަން އަބަދު އޭނާގެ ވަށާލައިފައެވެ. އެފަދަ މީހަކީ މި ދުނިޔޭގެ ސުވަރުގެ އަށް ވަދެއްޖެ މީހެއް ނޫނެވެ. އޭނާއަކަށް އާޚިރަތުގެ ސުވަރުގެއިން ޖާގައެއް ނޯންނާނެއެވެ.