ނޮބެލް ސުލްހައިގެ އިނާމު ހޯއްދެވުމުގެ އުންމީދުގައި މަސައްކަތް ކުރައްވަމުންދިޔަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އެ އިނާމު މިއަހަރު ނުލިބުމުން ރުޅިގަދަވެ ފާޑުވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޝަރަފްވެރި އިނާމު، ނޮބެލް ސުލްހައިގެ އިނާމު އެންމެ ހައްގުވާ ފަރާތަކީ ޓްރަމްޕް ކަމަށް އޭނާ ދައުވާ ކުރައްވަމުން ދިޔަ ނަމަވެސް އެ އިނާމު މިއަހަރު ލިބިފައި ވަނީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީގެ ލީޑަރު މާރިޔާ ކޮރީނާ މަޗާއޯއަށެވެ.

ނޯވޭގެ ނޮބެލް އިންސްޓިޓިއުޓުން ކޮންމެ އަހަރަކު ދޭ ނޮބެލް ސުލްހައިގެ އިނާމު މަޗާއޯއަށް ލިބިވަޑައިގެންފައި ވަނީ ވެނެޒުއެލާއިން ހުދުމުހުތާރުކަން ފޮހެލުމަށް އޭނާ ކުރައްވަމުންދާ މަސައްކަތަށެވެ. މަޗާއޯއަށް އެ އިނާމު ދިނުމަށް ކަމާބެހޭ ކޮމިޓީއިން ނިންމާފައި ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދިޔަ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިންނެވެ.

ކޮންމެ އަހަރަކު ވެސް ދޭ ނޮބެލް ސުލްހައިގެ އިނާމަކީ ފާއިތުވި އަހަރުގެ ތެރޭގައި ސުލްހަ ގާއިމް ކުރުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ދޭ އިނާމެކެވެ. އެހެންކަމުން މި އަހަރުގެ އިނާމު ދެނީ 2024 ވަނަ އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށެވެ.

ޓްރަމްޕް އާއި އޭނާގެ ވާގިވެރިން ވަނީ ޓްރަމްޕްއަށް އެ އިނާމު ނުލިބޭނެކަން އެނގުމުން ރަސްމީ ބަޔާންތައް ނެރެ، އެ އިނާމު ދޭ ކޮމިޓީއަށް ފާޑުކިޔައިފަ އެވެ. އަދި އެ ކޮމިޓީ އިން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހެނީ ކަމަށް އެ ބަޔާންތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

‎ނޮބެލް ސުލްހައިގެ އިނާމު ބޭނުންވާކަމުގެ އިޝާރާތްތައް އެކި ފަހަރު މަތިން ޓްރަމްޕް ވަނީ ކުރައްވައިފަ އެވެ.

ޖޫން 20 ވަނަ ދުވަހު ޓްރަމްޕް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނެެވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސަައްކަތްތަކާއި، ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ލިސްޓެއް ސޯޝަލް މީޑިޔާގައި ޝާއިއު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓުމަކަށް ގެނައުމުގެ މޭސްތިރިއަކީ އޭނާ ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދައުރުގައި ޔަހޫދީންނާއި މުސްލިމް ގައުމުތަކާ ދެމެދު ގުޅުން ގާއިމުކުރުމަށް އަބްރަމް އެކޯޑް އެކުލަވައިލެއްވި ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ނޮބެލް ކޮމިޓީގެ އިސްވެރިޔާ ޔަރްގަން ވަތުން ފްރީޑްނެސް ވިދާޅުވީ ނޮބެލް ސުލްހައިގެ އިނާމު ހޯދުމަށް އަމަލުކުރަން ޖެހޭ ގޮތްތައް އެ ކޮމިޓީ އިން ކިޔައި ނުދޭނެ ކަމަށާއި، އެ ކޮމިޓީގެ ޒިންމާއަކީ އިނާމު ލިބޭ ފަރާތް ކަނޑައެޅުން ކަމަށެވެ.